ހަރުކަށި ފިކުރުގެ ޖަމާއަތްތައް ނައްތާލުމުގެ ބަދަލުގައި އެ ޖަމާއަތްތައް "މެނޭޖް" ކުރަނީ:

އދ. އިން ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ގްރޫޕްތައް ނައްތާލުމުގެ ބަދަލުގައި، އެ ޖަމާއަތްތައް ހިންގުމަށް ސިސްޓަމެޓިކް މޮޑެލްއެއް ގެންގުޅޭ ކަމަށް ޔޫރަޕްގެ މީޑިއާ އައުޓްލެޓެއް ކަމަށްވާ ޔޫރޮޕާވައިއާރ އިން ޝާއިއުކުރި އެނަލައިސިސްއަކުން ހާމަވެއްޖެއެވެ. މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޕާކިސްތާނުން ދަނީ ސިޔާސީ ގޮތުންނާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން މިފަދަ ޖަމާއަތްތަކަށް ހިމާޔަތް ދެމުންނެވެ.

ޔޫރޮޕާވައިއަރގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ލަޝްކަރޭ ތައިބާ އަދި ޖައިޝޭ މުހައްމަދު ފަދަ ޖަމާއަތްތަކަށް ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް، ޕާކިސްތާނު އެތެރޭގެ ނުސީދާ އެހީތެރިކަމާއެކު އެ ޖަމާއަތްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ މިސާލެއްގެ ގޮތުން މުޒައްފަރްއާބާދުގައި ހުންނަ މަރުކަޒް ސައްޔިދު ބިލާލް ކޮމްޕްލެކްސް، ސަރުކާރުގެ އެހީތެރިކަމާއެކު އަލުން ބިނާކުރުން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ތަނަކީ މީގެ ކުރިން ޖައިޝްގެ ތަމްރީނު މަރުކަޒެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަނެކެވެ.

މީގެ އިތުރުން، ކުއެޓާގައި ހިންގާ 'ދައުރާ ތަރުބިއްޔާ' ފަދަ ފިކުރީ ތަމްރީނު ޕްރޮގްރާމްތައް ފާޅުކަން ބޮޑު ގޮތެއްގައި ކުރިއަށްދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ ޖަމާއަތްތަކުން ބާއްވާ އެއްވުންތަކަށް ސަލާމަތީ ބާރުތަކުން ހިމާޔަތް ދޭއިރު، ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް ގެ ފާރަވެރިކަމުން ސަލާމަތްވުމަށްޓަކައި ތަފާތު ނަންނަމުގައި މި ޖަމާއަތްތައް އަލުން ރީބްރޭންޑް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

ޕާކިސްތާނުގެ މި ސިޔާސަތުގެ ސަބަބުން ޔޫރަޕްގެ އިއްތިހާދާއި، ޗައިނާ އަދި އެމެރިކާއަށްވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމަށް ރިޕޯޓުގައި އިންޒާރު ދީފައިވެއެވެ. ޓެރަރިޒަމަށް ފަންޑުކުރުމުގެ ސަބަބުން ބައިނަލްއަގުވާމީ ސަލާމަތަށް ނުރައްކާވެ، އިންޑޯ-ޕެސިފިކް ސަރަހައްދުގެ ހަމަޖެހުން ގެއްލިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި އެނަލައިސިސްގައި ބުނެފައިވަނީ، ޕާކިސްތާނުން މި ޖަމާއަތްތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ. މީގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކާއި ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު އޮންނަ ފަރަގު ކުޑަވެ، ދިގު މުއްދަތުގައި އެ ގައުމުގެ ދާޚިލީ ހިންގުމަށާއި ބައިނަލްއަގުވާމީ ސަލާމަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

 

ހިއްސާ ކުރައްވާ!