ހަނގުރާމައާ ދެކޮޅު ހެއްދެވުމުގެ ގޮތުން ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު އިސްތިއުފާ ދެއްވައިފި

އެމެރިކާގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖޯ ކެންޓް، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ޓެރަރިިސްޓް ހަނގުރާމައާ ދެކޮޅު ހެއްދެވުމުގެ ގޮތުން މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ކެންޓް ވިދާޅުވީ އީރާނަކީ އެމެރިކާއަށް އޮތް ސީދާ ނުރައްކަލެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އެހެންކަމުން މި ހަނގުރާމައަށް ތާއީދުކުރެއްވުމަކީ އޭނާގެ ޟަމީރު ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ކެންޓް ވިދާޅުވީ، މި ނިންމުމަކީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ. އަދި މިއަދުން ފެށިގެން އޭނާ މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމަށްވެސް އެ ސިޓީގައިވެއެވެ. ކެންޓް ތުހުމަތު ކުރެއްވި ގޮތުގައި މި ހަނގުރާމަ ފަށާފައިވަނީ އިސްރާއީލާއި އެމެރިކާގައި ހަރަކާތްތެރިވާ އިސްރާއީލަށް ތާއީދުކުރާ ލޮބީ ގްރޫޕްތަކުގެ ނުފޫޒުންނެވެ.

ކެންޓް ފާހަގަކުރެއްވި ގޮތުގައި އޭނާއަކީ 2016، 2020 އަދި 2024 ވަނަ އަހަރުގެ އިންތިޚާބުތަކުގައި ޓްރަމްޕް ގެންގުޅުއްވި، މެދުއިރުމަތީގެ ދިގުލީ ހަނގުރާމަތަކުން ދުރުހެލިވުމުގެ ސިޔާސަތަށް ތާއީދުކުރެއްވި ބޭފުޅެކެވެ. 2025 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށްވެސް، މެދުއިރުމަތީގެ ހަނގުރާމަތަކަކީ އެމެރިކާގެ ރައްޔިތުންގެ ފުރާނައާއި މުއްސަނދިކަން ނައްތާލާ "މަޅިއެއް" ކަމަށް ރައީސް ޓްރަމްޕް ގަބޫލުކުރެއްވި ކަމަށް ކެންޓް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައި، ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި އައިއެސް ޖަމާއަތް ބަލިކުރުން ފަދަ ކަންކަމުގައި އަސްކަރީ ބާރު ބޭނުންކުރީ ނިމުމެއް ނެތް ހަނގުރާމަތަކެއްގެ ތެރެއަށް ނުވަދެ ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތު ބަދަލުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިސްރާއީލުގެ އިސް އޮފިޝަލުންނާއި އެމެރިކާގެ ބައެއް މީޑިއާން ގުޅިގެން، ޓްރަމްޕްގެ "އެމެރިކާ ފަސްޓް" ސިޔާސަތު ބަލިކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކެންޓް ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވީ އީރާނުގެ ފަރާތުން ނުރައްކަލެއް އޮތް ކަމަށް ދައްކައިގެންނާއި، އަސްކަރީ ހަމަލާއަކުން ފަސޭހަ ކާމިޔާބީއެއް ލިބޭނެ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު މައުލޫމާތުތަކެއް ކަމަށެވެ.

ހިއްސާ ކުރައްވާ!