ހަނގުރާމައިގެ ސަބަބުން ގަލްފު ބޭންކުތަކުން 307 ބިލިއަން ޑޮލަރު ބޭރުވެދާނެ ކަމުގެ އިންޒާރު ދީފި

މެދުއިރުމަތީގައި ހިނގަމުންދާ އެމެރިކާގެ ޓެެރަރިސްޓް ހަނގުރާމަ އިތުރަށް ވަރުގަދަވެގެން ގޮސްފިނަމަ، ގަލްފު ގައުމުތަކުގެ ބޭންކުތަކުން 307 ބިލިއަން ޑޮލަރު ބޭރުވެގެން ދިއުމުގެ ބިރު އެބައޮތް ކަމަށް ދުނިޔޭގެ ކްރެޑިޓް ރޭޓިން އެޖެންސީއެއް ކަމަށްވާ ސްޓޭންޑަޑް އެންޑް ޕުއާސް (އެސް އެންޑް ޕީ) އިން ބުނެފިއެވެ.

އެސް އެންޑް ޕީ އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، މިހާތަނަށް ގަލްފު ބޭންކުތަކުން ބޮޑު އަދަދަކުން ފައިސާ ބޭރުވެފައިވާ ކަމުގެ ހެކި ފެންނަން ނެތް ނަމަވެސް، ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ ބޭރުގެ އިންވެސްޓަރުންނާއި އެ ގައުމުތަކުގެ މީހުން ބޭންކުތަކުގައި ބަހައްޓާފައިވާ ފައިސާ ނެގުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބޭންކިން ނިޒާމުގެ ތެރޭގައި ރައްކާތެރިކަން ހޯދުމަށް ބޭންކުތަކުން މަސައްކަތް ކުރަން ޖެހިދާނެ ކަމަށްވެސް އެ އެޖެންސީން އިންޒާރު ދީފައިވެއެވެ.

މާޗް މަހުގެ 16 ވަނަ ދުވަހު ނެރުނު މި ރިޕޯޓުގައި ބުނެފައިވަނީ، ހަނގުރާމައިގެ އެންމެ ނުރައްކާތެރި މަރުހަލާ ދެ ހަފުތާއާއި ހަތަރު ހަފުތާއާ ދެމެދުގެ މުއްދަތަކަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް، މި މުއްދަތަށް ފަހުވެސް ސަލާމަތީ ގޮތުން ނުރައްކާތެރި ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަމުންދާނެ ކަމަށް އެސް އެންޑް ޕީ އިން ގަބޫލުކުރެއެވެ.

އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ދެމުންދާ ޓެރަރިސްޓް ހަމަލާތައް ތިންވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައިވާއިރު، މިކަން ނިމުމުގެ އެއްވެސް ނިޝާނެއް އަދި ފެންނާކަށް ނެތެވެ. އެސް އެންޑް ޕީގެ އަންދާޒާތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ ނިޔަލަށް ގަލްފު ކައުންސިލްގެ ހަ ގައުމުގެ ބޭންކިން ނިޒާމުން 307 ބިލިއަން ޑޮލަރުގެ ޑިޕޮސިޓް ބޭރުވެދާނެއެވެ.

މިފަދަ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ގަލްފު ބޭންކުތަކުގެ އަތުގައި ނަގުދު ފައިސާގެ ގޮތުގައާއި މަރުކަޒީ ބޭންކުތަކުގައި 312 ބިލިއަން ޑޮލަރު އެބަހުއްޓެވެ. މީގެ އިތުރުން، އިންވެސްޓްމަންޓް ޕޯޓްފޯލިއޯތަކުން 20 އިންސައްތަ އުނިކުރުމަށްފަހު، އިތުރު ރިޒާވްގެ ގޮތުގައި ގާތްގަނޑަކަށް 630 ބިލިއަން ޑޮލަރު ބޭންކުތަކުގައި ހުރި ކަމަށް އެސް އެންޑް ޕީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ހަނގުރާމަ ދިގުލައިގެން ދިއުމަކީ މުޅި ސަރަހައްދުގެ މާލީ އިސްތިގުރާރުކަމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް މާލީ މާހިރުން ދެކެއެވެ.

ހިއްސާ ކުރައްވާ!