ޓްރަމްޕް ގްރީންލެންޑް ނުހިފައިފިނަމަ ރަޝިޔާއާ ގުޅެން ވޯޓްލާނެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގްރީންލެންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް އަވަސް ނުކޮށްފިނަމަ، އެ ޖަޒީރާގެ ރައްޔިތުން ރަޝިޔާއާ ގުޅުމަށް ވޯޓު ދީފާނެ ކަމަށް ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ނައިބު ރައީސް ޑިމިޓްރީ މެދުވެދޭވް ވިދާޅުވެއްޖެއެވެ.

އިންޓަފެކްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރަޝިޔާގެ ކުރީގެ ރައީސް މެދުވެދޭވް ވިދާޅުވީ ޓްރަމްޕް މިކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

"ކަށަވަރުނުވާ މައުލޫމާތުތަކަށް ބަލާއިރު، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުއްލި ފެންނަ ނުފެންނަ ވޯޓެއް ނަގައި، ގްރީންލެންޑްގެ 55،000 ރައްޔިތުން ރަޝިޔާއާ ގުޅުމަށް ވޯޓު ދީފާނެ،" މެދުވެދޭވް ވިދާޅުވިއެވެ. އަދި އެހިސާބުން އެމެރިކާގެ ދިދައަށް އިތުރު ތަރިއެއް އިތުރުކުރުމުގެ ފުރުސަތު ގެއްލޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޑެންމާކުގެ އަމިއްލަ ވެރިކަމެއް އޮންނަ ސަރަހައްދެއްގެ ގޮތުގައި އޮތް ގްރީންލެންޑަކީ އެމެރިކާގެ ގައުމީ ސަލާމަތަށް މުހިންމު ތަނެއް ކަމަށާއި، ރަޝިޔާގެ ނުފޫޒު ކުޑަކުރުމަށް އެތަން އެމެރިކާގެ މިލްކަކަށް ހަދަންޖެހޭ ކަމަށް ރައީސް ޓްރަމްޕް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް، ޓްރަމްޕްގެ މި ހުށަހެޅުމަށް ޑެންމާކާއި ގްރީންލެންޑްގެ ސަރުކާރުން ވަނީ ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ.

ރަޝިޔާއިން މިހާތަނަށް ގްރީންލެންޑަކީ އެ ގައުމުގެ ބައެއް ކަމަށް ދައުވާކޮށްފައި ނުވިނަމަވެސް، އާކްޓިކް ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ގްރީންލެންޑް އަދާކުރާ ދައުރަށް ރަޝިޔާއިން ދަނީ ވަރަށް ބޮޑަށް ފާރަވެރިވަމުންނެވެ. ވަކިން ހާއްސަކޮށް، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ޖާސޫސީ ވަސީލަތްތައް އެ ސަރަހައްދުގައި ހުރުމަކީ ރަޝިޔާއިން ކަންބޮޑުވާ ކަމެކެވެ.

ކްރެމްލިންއިން ޓްރަމްޕްގެ މި މަސައްކަތާ ގުޅޭގޮތުން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައި ނުވިނަމަވެސް، އާކްޓިކް ސަރަހައްދަކީ ރަޝިޔާގެ ގައުމީ އަދި ސްޓްރެޓީޖިކް މަސްލަހަތު އޮތް ސަރަހައްދެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ގްރީންލެންޑާ ގުޅޭގޮތުން ކުރިއަށްދާ ބަހުސްތައް ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް ރަޝިޔާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ހިއްސާ ކުރައްވާ!