ރާއްޖެއާއި އިންޑިއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ޓީއޯއާރުގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޤާއިމްކުރުމަށް މަސައްކަތް ކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައި ދެ ޤައުމުން ސޮއިކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސްއިން އެ ޤައުމުގެ މީޑިއާއަށް ދިން މަޢުލޫމާތުގައެވެ.

ޓީއޯއާރް އަކީ ފުރިހަމަ އެއްބަސްވުމަކަށް ދިއުމުގެ ކުރިން ވިޔަފާރީގެ އެއްބަސްވުން ކުރިއަށްދާނެ ދާއިރާތަކާއި އުސޫލުތައް ކަނޑައަޅާ މައިގަނޑު އޮނިގަނޑެވެ. އިންޑިއާގެ ކޮމާސް މިނިސްޓްރީން ބުނެފައިވަނީ ރާއްޖެއާއެކު ސޮއިކުރުމަށް ތައްޔާރުވަމުންދަނީ ފުރިހަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ކަމަށެވެ. ނަމަވެސް މި އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ދެ ޤައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމުގެ މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

ރާއްޖެއިން އަންނަނީ އެކި ޤައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރަމުންނެވެ. އެގޮތުން ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޢަމަލުކުރަން ވަނީ ފަށާފައެވެ.

މީގެ އިތުރުން، ތުރުކީވިލާތާއެކު ވެސް ރާއްޖެއިން ވަނީ ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ. މިއީ ވަކި ބާވަތްތަކުގެ މުދަލުން ވިޔަފާރީގެ ލުއިތައް ލިބިގެންދާނެ އެއްބަސްވުމެކެވެ.

ހިއްސާ ކުރައްވާ!