އިންޑިއާގައި ސޮލީބީ ދައުލަތެއް އުފައްދަން އުޅުނު ކަމުގެ ތުހުމަތުގައި އެމެރިކާގެ ކުލީ ސިފައިންގެ މީހަކު ހައްޔަރުކޮށްފި

ބަންގްލަދޭޝް އާއި މިޔަންމާގެ ބައެއް ސަރަހައްދުތައް ހިމަނައިގެން "ސޮލީބީ ދައުލަތެއް" އުފެއްދުމަށް ރާވަމުންދާ ކަމަށް ބުނާ މައްސަލައެއްގައި، އެމެރިކާގެ ކުލީ ސިފައިންގެ މީހަކާއި ޔޫކްރޭންގެ ހަ މީހަކު އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އިން ހައްޔަރުކޮށްފިއެވެ.

އެންއައިއޭ އިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ދުނިޔޭގެ އެކި ހަނގުރާމަވެރި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފައިވާ އެމެރިކާގެ ރައްޔިތެއް ކަމަށްވާ މެތިއު ވެންޑައިކް އެވެ. އޭނާއަކީ ހުދުމުޚުތާރު ކަމަށް ބުނާ ވެރިކަންތަކާ ދެކޮޅަށް ހަނގުރާމަކުރާ ގްރޫޕްތަކަށް ކުލީ ސިަފައިން ތަމްރީނު ކޮށްދޭ "ސަންސް އޮފް ލިބަޓީ އިންޓަނޭޝަނަލް" ޖަމުއިއްޔާގެ ބާނީއެވެ. މީގެ ކުރިން އޭނާ ވަނީ ލީބިޔާ އާއި ސީރިއާގެ ދާޚިލީ ހަނގުރާމައިގައި ކުލީ ސިފަައިންނާއެކު ބައިވެރިވެފައެވެ.

އެންއައިއޭ އިން ހާމަކުރި ގޮތުގައި، ޓޫރިސްޓް ވިސާގައި އިންޑިއާއަށް އެތެރެވި މި މީހުން ވަނީ ޣައިރު ގާނޫނީ ގޮތެއްގައި މިޒޯރާމް ސްޓޭޓްގެ ބޯޑަރު ހުރަސްކޮށް މިޔަންމާއަށް ގޮސްފައެވެ. އެތަނުގައި ތިބެގެން މިޔަންމާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ހަތިޔާރުގެ ތަމްރީނު ދިނުމާއި، ޔޫރަޕުން ގިނަ އަދަދެއްގެ ޑްރޯން ގެނެސް އެ ޖަމާއަތްތަކަށް ފޯރުކޮށްދީފައިވާ ކަމަށް އިންޑިއާއިން ތުހުމަތު ކުރެވެއެވެ. މި މީހުން މިހާރު ތިބީ 11 ދުވަހުގެ މުއްދަތަށް އެންއައިއޭގެ ބަންދުގައެވެ.

މި ހައްޔަރުކުރުންތަކާ ގުޅިގެން، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ މީގެ ކުރިން ދެއްވި އިންޒާރުތަކަށް ވަނީ ސަމާލުކަން ލިބިފައެވެ. 2024 ވަނަ އަހަރު މަގާމުން ދުރުވުމުގެ ކުރިން ހަސީނާ ވަނީ "ދޮން މީހަކު" އިސްވެ ހުރެ ބަންގްލަދޭޝްގެ ޗަޓޮގްރާމް އާއި މިޔަންމާގެ ބައެއް ސަރަހައްދު ހިމަނައިގެން އީސްޓް ޓިމޯރ ފަދަ ކްރިސްޓިއަން ދައުލަތެއް އުފައްދަން އުޅޭ ކަމުގެ ތުހުމަތު ކުރައްވާފައެވެ.

މި މައްސަލައާ ގުޅިގެން ޖިއޯޕޮލިޓިކަލް މާހިރުން ބުނަމުންދަނީ، މިއީ އެމެރިކާ ފަދަ ބޭރުގެ ބާރުތަކުން މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ދުރުހައި ހުރެގެން އެހެން މީހުން ލައްވައި ކުރާ "ޕްރޮކްސީ ވޯ" އެއްގެ ބައެއް ކަމަށް ބެލެވޭ ކަމަށެވެ. މެތިއު ވެންޑައިކްގެ ޖަމާއަތުން 2019 ވަނަ އަހަރު އިންޑިއާގައި ކްރިސްޓިއަނުންނަށް އަނިޔާކުރާ ކަމަށް ބުނެ ރިޕޯޓްތަކެއް ވެސް އާންމުކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!