މިއީ ޓައިޓެނިކްގައި ދަތުރަށް އަރަން އަގު ހެޔޮކޮށް ޓިކެޓް ގަންނަންވީ ވަގުތެއް ނޫން: ޓްރަމްޕަށް މަލާމާތް ކުރަމުން ފްރާންސްގެ ޖެނަރަލް

"މިއީ ޓައިޓޭނިކް އައިސްބާގްގައި ޖެހުމުން، އެ ބޯޓުން ދަތުރުކުރާން އަގުހެޔޮކޮށް ޓިކެޓް ގަންނަންވީ ވަގުތެއް ނޫނެވެ. އަހަރެމެން ނާކާމިޔާބީއަށް ބާރުވެރިކަމެއް ނުދޭނަމެވެ." ޖެނެރަލް ޔަކޮވްލެފް

(ފޮޓޯގައި: އެޕްސްޓީންއާއި ޓްރަމްޕް ޓައިޓެނިކްގެ މަންޒަރެއްގައި. މިއީ ވޮޝިންޓަން މޯލްގައި ޓްރަމްޕަށް މަލާމާތް ކޮށް ބަހައްޓާފައިވާ ބުދެއްގެ މަންޒަރު)

ހުރުމުޒު ކަނޑުއޮޅީގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް އެކުލަވާލާ ކޯލިޝަނެއްގައި ވިލާތުގެ ގައުމުތަކުން ބައިވެރިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ މަސައްކަތަށް ފަރަންސޭސިވިލާތުގެ ރިޓަޔަރޑް ޖެނެރަލް މިޝޭލް ޔަކޮވްލެފް، މަލާމާތް ކުރައްވައިފިއެވެ. ޓްރަމްޕް ކުރަން އުޅޭ މަސައްކަުގައި ގައުމުތައް ބައިވެރިކުރުން އޭނާ ސިފަކުރެއްވީ، އައިސްބާގެއްގައި ޖެހި ފެތެމުންދިޔަ "ޓައިޓޭނިކް" ބޯޓުން އަގުހެޔޮކޮށް ދަތުރުކޮށްލުމަށް ޓިކެޓެއް ގަތުމުގެ ގޮތުގައެވެ.

ނޭޓޯގެ ކުރީގެ އިސް އޮފިސަރެއްގެ އިތުރުން ފަރަންސޭސި ފޮރިން ލީޖަންގެ ކޮމާންޑަރުކަން ވެސް ކުރައްވާފައިވާ ޖެނެރަލް ޔަކޮވްލެފް، ވަނީ އެމެރިކާގެ ހުށަހެޅުމަށް ފަރަންސޭސިވިލާތާއި ވިލާތުގެ އެހެން ގައުމުތަކުން "ނޫނެކޭ" ބުނަންޖެހޭ ސަބަބުތައް ތަފްސީލުކޮށްދެއްވާފައެވެ.

ފާރިސީ ކަނޑުއޮޅީގެ ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ފަރަންސޭސި ޚަބަރު ފަތުރާ ވަސީލަތަކަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ޓްރަމްޕްގެ ތާކުންތާކު ނުޖެހޭ މި ހުށަހެޅުމުގައި ހަރުދަނާ ކޮމާންޑް ސްޓްރަކްޗަރެއް ނެތް ކަމަށާއި، ސްޓްރެޓެޖިކް މަގްސަދުތައް ސާފުނޫން ކަމަށާއި، އަދި އެމެރިކާގެ އިތުބާރު ހުރި އެއްބާރުލުމެއް ލިބޭނެކަމުގެ ޔަގީންކަމެއް ވެސް ނެތް ކަމަށެވެ.

"ނޫނެކޭ ބުނަންޖެހޭ ފަސް ސަބަބެއް އެބައޮތް،" ޔަކޮވްލެފް ވިދާޅުވިއެވެ.
އޭނާ ފުރަތަމަ ފާހަގަކުރެއްވީ އޮޕަރޭޝަނަލް ކޮންޓްރޯލްގައި ހުރި މައްސަލަތަކެވެ. ނޭޓޯއިން އިސްނަގައިގެން ހިންގާ ކޮންމެ މިޝަނަކީ އިއްތިހާދުގެ ދަށުން އެއްބައިވަންތަ ކޮމާންޑެއް އޮންނަންޖެހޭ ކަމެއް ކަމަށާއި، އެމެރިކާ ސިފައިން އަމިއްލައަށް ކަންކަން ނިންމަމުން، ވިލާތުގެ ގައުމުތަކުން ދެވަނަ ދަރަޖައިގެ ދައުރެއް އަދާކުރަން އުންމީދުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކަނޑުއޮޅި ހުޅުވުން ފިޔަވައި ލިޔެވިފައިވާ ސާފު ލަނޑުދަނޑިތަކެއް ނެތުމާއި، އެކި ފަހަރު އެކި ގޮތްގޮތަށް ވާހަކަ ދައްކައި ގިނަގިނައިން ސޯޝަލް މީޑިއާ މެދުވެރިކޮށް ނިންމުންތައް ޓްރަމްޕް ބަދަލުކުރަމުންދާތީ، ސީރިއަސް ޕްލޭނެއް ކުރުމަކީ މުސްތަހީލު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. "ޓްރަމްޕް އަމިއްލައަށް ވެސް އެނގެންޖެހޭ އޭނާ ބޭނުންވަނީ ކޮން ކަމެއްކަން،" ޖެނެރަލް ވިދާޅުވިއެވެ.

އިތުބާރުގެ މައްސަލައަކީ ވެސް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. އެމެރިކާއިން އެމީހުންނަށް ފަސޭހަވާ ވަގުތުތަކުގައި ބައިވެރިން ދޫކޮށްލާ އުސޫލަށް އިޝާރާތްކުރައްވައި، ޖެނަރަލް ވިދާޅުވީ މިކަމުގައި ގައުމުތަކުން ބައިވެރިވެއްޖެނަމަ ވިލާތުގެ ގައުމުތައް އެކަނިވެ، ނުރައްކަލަށް ހުށަހެޅިދާނެ ކަމަށެވެ. "އޭނާއަށް (ޓްރަމްޕަށް) ފަސޭހަވާ ކޮންމެ ވަގުތަކު އަހަރެމެން ދޫކޮށްލާނެ،" އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ސިފައިންގެ އާމީ ވޯ ކޮލެޖުން އޭނާ ދަސްކުރެއްވި އުސޫލަކަށް ރިއާޔަތްކުރައްވައި، އެންމެ ވަރުގަދަ މިސާލު ޖެއްސެވީ އެންމެ ފަހުންނެވެ: "ނާކާމިޔާބީއަށް ބާރުވެރިކަމެއް ނުދޭށެވެ!"

މިހާރު ކުރިއަށްދާ މަސައްކަތުގައި ބައިވެރިވުން ސިފަ ކުރައްވަމުން އޭނާ ވިދާޅުވީ، އެއީ، ޓައިޓޭނިކް ބޯޓު އައިސްބާގެއްގައި ޖެހުނު ރޭގެ ފަހު ދުވަހު، އެ ބޯޓުގައި ރޭގަނޑުގެ ކެއުމަށާއި ނެށުމަށް ދިއުމަށް އަގު ހެޔޮކޮށް ޓިކެޓް ގަތުން ކަހަލަ ކަމެއް ކަމަށެވެ.

މި ވާހަކަތައް ނިންމަވާލައްވަމުން ޔަކޮވްލެފް ވިދާޅުވީ، "މިއީ ޓައިޓޭނިކް އައިސްބާގްގައި ޖެހުމުން، އެ ބޯޓުން ދަތުރުކުރާން އަގުހެޔޮކޮށް ޓިކެޓް ގަންނަންވީ ވަގުތެއް ނޫނެވެ. އަހަރެމެން ނާކާމިޔާބީއަށް ބާރުވެރިކަމެއް ނުދޭނަމެވެ." އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!