ޖަންމޫ އެންޑް ކަޝްމީރުގެ އަންހެނުން ބާރުވެރިކުރުވުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި

ޖެނީވާގައި ކުރިއަށްދާ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ސެޝަނެއްގައި، އިންޑިއާގެ ޖަންމޫ އެންޑް ކަޝްމީރުގެ އަންހެނުންގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލަތަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. ރާޝްތުރިޔާ ސޭވާ ކެންދުރަ ސަންގް ޕާޓީގެ ފަރާތުން ދަރަކްޝާން ހަސަން ބަޓް ވިދާޅުވީ، އެ ސަރަހައްދުގެ އަންހެނުންގެ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖަންމޫ އެންޑް ކަޝްމީރުގެ މަސައްކަތްތެރި އާބާދީގައި އަންހެނުންގެ ހިއްސާ މިހާރު ވަނީ 34.1 އިންސައްތައަށް އަރާފައެވެ. މިއީ އިންޑިއާގެ ގައުމީ އެވްރެޖަށްވުރެ މަތީ އަދަދެކެވެ. ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ އެކި ޕްރޮގްރާމްތަކުގެ އެހީގައި 500،000 އަށްވުރެ ގިނަ އަންހެނުންނަށް ވަނީ އުޖޫރަ ލިބޭނެ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީފައެވެ.

އަންހެނުން ބާރުވެރިކުރުވުމަށް ހިންގާ 'މިޝަން ޝަކްތީ' ގެ ދަށުން 'ސަމްބަލް' އަދި 'ސަމަރްތިޔާ' ފަދަ މަޝްރޫއުތަކުން ވަނީ ހުނަރު ދަސްކޮށްދިނުމާއި، ގާނޫނީ އެހީތެރިކަމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ފުޅާކޮށްފައެވެ. މިހާތަނަށް 1.16 މިލިއަނަށްވުރެ ގިނަ އަންހެނުން މި ސްކީމްތަކުގެ ފައިދާ ހޯދާފައިވާއިރު، 700،000 އަށްވުރެ ގިނަ އަންހެނުން އަންނަނީ އަމިއްލަ އެހީތެރިކަން ފޯރުކޮށްދޭ ގްރޫޕްތަކުގައި ބައިވެރިވެ، މައިކްރޯ ކްރެޑިޓްގެ ހިދުމަތް ހޯދަމުންނެވެ.

އިޖުތިމާއީ ގޮތުން އައިސްފައިވާ ބަދަލުތަކަށް ބަލާއިރު، އންހެން ކުދިންނަށް ކިޔަވައިދޭން ހިންގާ 'ބޭޓީ ބަޗާއޯ ބޭޓީ ޕަޅާއޯ' ކެމްޕޭނުގެ ސަބަބުން އަންހެނުންނާއި ފިރިހެނުންގެ ނިސްބަތަށް ވަނީ ހެޔޮ ބަދަލެއް އައިސްފައެވެ. 2011 ވަނަ އަހަރު ކޮންމެ 1000 ފިރިހެނަކަށް 918 އަންހެނުން ތިބި ނަމަވެސް، 2019 ވަނަ އަހަރު މި އަދަދު ވަނީ 942 އަށް އިތުރުވެފައެވެ.

ގާނޫނީ ރައްކާތެރިކަމާ ގުޅޭގޮތުން ބަޓް ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީގެ 370 ވަނަ މާއްދާ އުވާލުމާ ގުޅިގެން، ގެވެށި އަނިޔާއިން ރައްކާތެރިކޮށްދޭ ގާނޫނާއި މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ގޯނާއިން ރައްކާތެރިކޮށްދޭ ގާނޫނުތައް މިހާރު އެ ސަރަހައްދުގައި ފުރިހަމައަށް ތަންފީޒު ކުރެވެމުންދެއެވެ. ސަލާމަތީ ގޮތުން ގޮންޖެހުންތަކެއް ހުރި ނަމަވެސް، ތައުލީމާއި، ވަޒީފާ އަދި ސިޔާސީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުވުމަކީ އެ ސަރަހައްދުގެ އިޖުތިމާއީ ސޫރަ ބަދަލުވަމުންދާ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!