އިންޑިއާގެ އަންހެނުން ބާރުވެރިކުރުވުން ދައްކުވައިދޭ ފޮޓޯ މައުރަޒެއް ޖެނީވާގައި

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް (ޔޫއެންއެޗްއާރުސީ) ގެ 61 ވަނަ ސެޝަނާ ދިމާކޮށް، އިންޑިއާގެ އަންހެނުން ބާރުވެރިކުރުވުމުގެ ދާއިރާއިން ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް ދައްކުވައިދޭ ފޮޓޯ މައުރަޒެއް ޖެނީވާގެ ބްރޯކަން ޗެއާ މޮނިއުމަންޓް ސަރަހައްދުގައި ބާއްވައިފިއެވެ. އަމިއްލަ ޖަމުއިއްޔާއަކން އިންތިޒާމުކުރި މި މައުރަޒަކީ ގިނަ ބައެއްގެ ސަމާލުކަން ހޯދި ހަރަކާތެކެވެ.

މި މައުރަޒުގައި މާލީ ދާއިރާ، ތައުލީމު، ވިޔަފާރިވެރިކަން، ސިޔާސީ ބައިވެރިވުން، ސިއްހަތު، ކުޅިވަރު، އަދި ސައިންސްގެ ދާއިރާއިން އަންހެނުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށްފައިވެއެވެ. މައުރަޒުގައި ބޭނުންކޮށްފައިވާ ޕޯސްޓަރުތަކާއި ތަފާސްހިސާބުތަކުން ދައްކުވައިދެނީ އިންޑިއާގެ އެކި ދާއިރާތަކުގައި އަންހެނުންނަށް ފުރުސަތުތައް ފުޅާވަމުންދާ މިންވަރެވެ.

މައުރަޒުގެ އެންމެ މުހިންމު އެއް ބަޔަކީ އިންޑިއާ ސަރުކާރުގެ އިގްތިސާދާއި ބެންކިންގައި އަންހެނުން ބާރުވެރި ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ހޯދާފައިވާ ކާމިޔާބީއެވެ. މި މަޝްރޫއުގެ ދަށުން ހުޅުވާފައިވާ ބޭންކް އެކައުންޓްތަކުގެ 55 އިންސައްތައަށްވުރެ ގިނައީ އަންހެނުންގެ އެކައުންޓްތައް ކަމަށްވާއިރު، މިއީ އަންހެނުންގެ މާލީ މިނިވަންކަމާއި ގޮތް ނިންމުމުގެ ބާރުވެރިކަން އިތުރުކޮށްދިން ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ތައުލީމީ ދާއިރާއަށް ބަލާއިރު، އިންޑިއާގެ އަންހެނުންގެ ތައުލީމީ ފެންވަރު މިހާރު 77 އިންސައްތައާ ގާތްކުރާކަން މައުރަޒުގައި ފާހަގަކޮށްފައިވެއެވެ. އަދި ސިޔާސީ ދާއިރާގައި، ޕަންޗާޔަތުތަކުގެ މަންދޫބުންގެ 46 އިންސައްތައަކީ އަންހެނުންކަން ފާހަގަކޮށް، އަސާސީ ފެންވަރުގައި ގައުމު ހިންގުމުގައި އަންހެނުންގެ ދައުރު ބޮޑުވަމުންދާކަން ވަނީ ހާމަކޮށްފައެވެ.

ސިއްހީ ދާއިރާއިން އިންޑިއާ ހޯދާފައިވާ ކުރިއެރުންތަކުގެ ތެރޭގައި، ވިހެއުމުގެ ތެރޭގައި މަރުވާ މައިންގެ ނިސްބަތް ކޮންމެ 1 ލައްކަ އަކުން 97 އަށް ދަށްވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، ސިއްހީ މަރުކަޒުތަކުގައި ވިހާ މީހުންގެ ނިސްބަތް 88 އިންސައްތައަށްވުރެ މަތިވެފައިވާކަމީ ސިއްހީ ނިޒާމު ވަރުގަދަވެފައިވާ ކަމުގެ ހެއްކެކެވެ.

ވިޔަފާރިވެރިކަމާއި ސައިންސްގެ ދާއިރާއަށް ބަލާއިރު، އިންޑިއާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ 20 އިންސައްތައަށްވުރެ ގިނަ ވިޔަފާރި ހިންގަނީ އަންހެނުންނެވެ. އަދި އިންޑިއާގެ ޖައްވީ އިދާރާ (އިސްރޯ) ގެ މުވައްޒަފުންގެ 20 އިންސައްތައަކީ އަންހެން ސައިންސްވެރިންނެވެ. މީގެ އިތުރުން، އޮލިމްޕިކްސް ކާމިޔާބުކޮށްފައިވާ ޕީވީ ސިންދޫ އާއި މީރާބާއި ޗާނޫ ފަދަ ކުޅިވަރުގެ ތަރިންގެ ކާމިޔާބީތައްވެސް މި މައުރަޒުގައި ވަނީ ދައްކާލާފައެވެ.

މި މައުރަޒަށް އދ. ގެ ސެޝަނަށް ވަޑައިގެންނެވި މަންދޫބުންނާއި، މަދަނީ ޖަމިއްޔާތަކުގެ އިތުރުން އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

ހިއްސާ ކުރައްވާ!