"އަހަރެން މި ހިންދީ ވާޝަންގައި ޕާފޯމެއް ނުކުރަން، އަދި އަހަރެންގެ ފޮޓޯ ބޭނުންކޮށްގެން މިފަދަ ބަދަލެއް ގެންނަން އެއްވެސް ހުއްދައެއް ދީފައެއް ނުވޭ،" ނޫރާ ފަތުހީ
ކުރިއަށް ނެރުމަށް ހަމަޖެހިފައި އޮތް ފިލްމު "ކޭޑީ ދަ ޑެވިލް" ގެ ލަވަ "ސަރްކޭ ޗުނާރް" ގައި ބޭނުންކޮށްފައިވާ ބޭއަދަބީ ބަސްމަގާ ހެދި ހޫނު ބަހުސަކަށްފަހު، އެ ލަވަ މަނާކޮށްފައިވާކަން ސަރުކާރުން ބުދަ ދުވަހު ޕާލަމެންޓުގައި ކަށަވަރުކޮށްދީފިއެވެ.
ސަންޖޭ ދަތާއި ނޫރާ ފަތުހީ ފެނިގެންދާ މި ލަވަ މި ހަފްތާގެ ކުރީކޮޅު ޔޫޓިއުބްގައި ރިލީޒްކުރުމާއެކު ވަރަށް ބޮޑަށް ވައިގައި ހިފިއެވެ. ނަމަވެސް، ލަވައިގެ ކަޑިތައް ބަދުއަޚުލާގީ ކަންކަމަށް ހިތްވަރުދޭ މޭރުމަކުން ހުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މި ފާޑުކިޔުންތަކާ ގުޅިގެން ލަވައިގެ ހިންދީ އިސްދާރު މިހާރު ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ނަގާފައެވެ.

މި މައްސަލައިގައި ބަތަލާ ނޫރާ ފަތުހީ ވަނީ އޭނާގެ ދިފާއުގައި ވާހަކަދައްކާފައެވެ. ނޫރާ ބުނި ގޮތުގައި އޭނާ އެ ލަވަ ކުޅުނީ މީގެ ތިން އަހަރު ކުރިން ކަންނަޑާ ބަހުންނެވެ. އަދި އޭގެ ހިންދީ އިސްދާރެއް އުފައްދާފައިވާކަން އޭނާއަށް އެނގިފައި ނުވާ ކަމަށް ވެސް ބުންޏެވެ. "އަހަރެން މި ހިންދީ ވާޝަންގައި ޕާފޯމެއް ނުކުރަން، އަދި އަހަރެންގެ ފޮޓޯ ބޭނުންކޮށްގެން މިފަދަ ބަދަލެއް ގެންނަން އެއްވެސް ހުއްދައެއް ދީފައެއް ނުވޭ،" ނޫރާ ފަތުހީ ބުންޏެވެ.
މީގެ އިތުރުން، ލަވަ އިޝްތިހާރު ކުރުމަށް ބޭނުންކޮށްފައިވާ ބައެއް ފޮޓޯތަކަކީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ ފޮޓޯތަކެއް ކަމަށް ވެސް ނޫރާ ތުހުމަތު ކުރިއެވެ. އޭނާ ވަނީ މިފަދަ ކަންކަމުގައި ފަންނާނުން ކުށްވެރިކުރުމުގެ ބަދަލުގައި ފިލްމު އުފައްދާ ފަރާތްތައް ޒިންމާދާރު ކުރުވުމަށް މީޑިއާއަށާއި އާންމުންނަށް ގޮވާލާފައެވެ.
މި ލަވައިގެ ހިންދީ ޅެން ތައްޔާރުކުރި ރަގީބް އާލަމް ބުނި ގޮތުގައި، އޭނާ އެ މަސައްކަތް ކުރީ ފިލްމުގެ ޑައިރެކްޓަރު ޕްރޭމްގެ އިރުޝާދުގެ ދަށުންނެވެ. "އަހަރެން މި ޅެން ލިޔުނީއެއް ނޫން. މިއީ ފިލްމުގެ ޑައިރެކްޓަރު ކަންނަޑާ ބަހުން ލިޔެފައިވާ އެއްޗެއް. އަހަރެން މި ލިޔަން ދެކޮޅު ހެދުމުން، އެމީހުން ބުނީ ހަމައެކަނި ކަންނަޑާ ބަހުން އޮތް ޅެން ހިންދީއަށް ތަރުޖަމާ ކޮށްދިނުމަށް،" އާލަމް ކިޔައިދިނެވެ.






