އެމެރިކާގެ ޒުވާނުންގެ މެދުގައި އިސްރާއީލަށް ނަފްރަތު ކުރުން އިތުރު ވެއްޖެ

އެމެރިކާގެ ޒުވާނުންގެ މެދުގައި އިސްރާއީލަށް އޮތް ތާއީދު ވަރަށް ބޮޑަށް ދަށަށް ގޮސް، ނަފްރަތުކުރާ މިންވަރު ފާއިތުވި ތިން އަހަރުގެ ތެރޭގައި ދެގުނަ އިތުރުވެފައިވާކަން އާ ޚިޔާލު ހޯދުމުގެ ސާވޭއަކުން ދައްކައިފިއެވެ. އެންބީސީ ނިއުސްއިން ފެބްރުއަރީ 27 އިން މާޗް 3 އަށް، ރަޖިސްޓްރީވެފައިވާ 1،000 ވޯޓަރުންގެ މެދުގައި ކުރިއަށްގެންދިޔަ މި ސާވޭއިން ދައްކާގޮތުގައި، އިސްރާއީލާ މެދު އެކި ޖީލުތަކުގެ މެދުގައި އޮތް ހިޔާލުތަފާތުވުންތައް ވަނީ މީގެ ކުރިން ދުވަހަކުވެސް އިތުރުނުވާ މިންވަރަށް ބޮޑުވެފައެވެ.

މި ސާވޭއިން ދައްކާގޮތުގައި އުމުރުން 35 އަހަރުން ދަށުގެ މީހުންގެ ތެރެއިން 63 އިންސައްތަ މީހުން މިހާރު އިސްރާއީލާ މެދު ގެންގުޅެނީ ނުބައި ތަސައްވުރެކެވެ. މިއީ 2023 ވަނަ އަހަރު ކުރި މިފަދަ ސާވޭއަކުން ދެއްކި 37 އިންސައްތައާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މިހާ ކުރު މުއްދަތެއްގެ ތެރޭގައި 26 ޕޮއިންޓުގެ ބޮޑު ބަދަލެއް އައުމަކީ އެމެރިކާގެ ޒުވާނުން އެ ގައުމުގެ ބައިވެރިއެއް ކަމަށްވާ އިސްރާއީލާ ދުރަށް ދާކަމުގެ ހެއްކެކެވެ.

މި ސާވޭއިން ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ މެދުގައި އިސްރާއީލަށް އޮތް ތާއީދު ކުޑަވެ، ފަލަސްތީނަށް އޮތް ހަމްދަރުދީ އިތުރުވުމެވެ. 2013 ވަނަ އަހަރު ޑިމޮކްރެޓުންގެ ތެރެއިން ފަލަސްތީނަށް ހަމްދަރުދީވީ އެންމެ 18 އިންސައްތަ މީހުން ނަމަވެސް، މިއަދު އެ އަދަދު ވަނީ 67 އިންސައްތައަށް މަތިވެފައެވެ. މުޅި އެމެރިކާގެ އާބާދީއަށް ބަލާއިރުވެސް، ފަލަސްތީނަށް ހަމްދަރުދީވާ މިންވަރު ވަނީ 13 އިންސައްތައިން 39 އިންސައްތައަށް، ތިން ގުނަ އިތުރުވެފައެވެ.

މި ހިޔާލު ހޯދުމުގެ ސާވޭގެ ނަތީޖާތަކުން ދައްކާގޮތުގައި، ކުރިއަށް އޮތް ތަނުގައި އެމެރިކާގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ. ދުވަސްވީ ޖީލުތަކުގެ ބަދަލުގައި އިސްރާއީލާ މެދު ޝައްކު އުފެދިފައިވާ ޒުވާން ޖީލެއް އައުމުން، އެމެރިކާއިން އިސްރާއީލަށް ދެމުންދާ ވަރުގަދަ ތާއީދަށް ބުރޫއަރާނެއެވެ. "އިސްރާއީލަށް އެމެރިކާގެ ދެން އޮތް ޖީލު މިވަނީ ގެއްލެން ފަށާފައި" ކަމަށް މި ސާވޭގެ ނަތީޖާއިން ދޭހަވާ ކަމަށް މުހައްލިލުން ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!