އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސާ އަލީ ޖަލީލް ވިދާޅުވީ، މި އޮފީހަކީ ހަމައެކަނި އޭނާގެ ކެމްޕެއިން އޮފީހެއް ނޫން ކަމަށާއި، މިއީ ޕީއެންސީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ވެސް އޮފީހެއް ކަމަށެވެ.
Musa Ali Jalil Launches Mayoral Bid With Promise to Revive Male’s Municipal Services
މީގެ ކުރިން ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުގެ މުޅި ގައުމީ ހަޔާތުގައި ވެސް ކަންކަމާ ކުރިމަތިލާފައި ވަނީ ކެރިގެން ސާބިތުކަމާ އެކު ނަތީޖާ ނެރުމުގެ ވަރުގަދަ އަޒުމުގައި"، މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.
މީގެއިތުރުން، އޭނާ ވަނީ މާލޭގެ މޭޔަރުކަމަށް ހޮވައިދެއްވައިފި ނަމަ، ރައްޔިތުންގެ ހިދުމަތުގައި 24 ގަޑިއިރު ހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މާލެއަކީ ޗާލު އަދި އުފާވެރި ދިރިއުޅުމެއް އޮތް ތަނަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ހިދުމަތް ދިނުމުގައި އެއްވެސް ސިޔާސީ ކުލައަކަށް ބަލައި ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށް ވެސް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.

