އެމެރިކާ ސަރުކާރުގެ ހާއްސަ މަންދޫބަކު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާނެއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރެފައިވާ މީޑިއާ ނޯޓެއްގައި ބުނެފައިވާ ގޮތުގައި، މިއަދު 19 އިން 24 އަށް ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެއަށާއި ސްްރީލަންކާއަށް ދަތުރުކުރައްވާނެއެވެ.
މި ދަތުރަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮތް ގައުމުތަކާ ގުޅުން ބަދަހިކުރުމަށާއި، ކަނޑުގެ މުހިންމު މަގުތަކުގެ ހަމަޖެހުން ދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށް އެމެރިކާއިން ބުނެއެވެ. ސްޓޭޓް ޑިޕާޓްމަންޓުން ފާހަގަކުރި ގޮތުގައި، މި ސަރަހައްދުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ބޭނުމަކީ ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމާ އެކު، ކަނޑުގެ މުހިންމު މަގުތަކާއި ބަނދަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، ރާއްޖެ އާއި ލަންކާއަކީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތަށް އެމެރިކާއިން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ދެ ބައިވެރިންނެވެ. އަދި މި ދަތުރުގެ ސަބަބުން މިނިވަން، ހުޅުވާލެވިފައިވާ އަދި ތަނަވަސް އިންޑޯ-ޕެސިފިކް ސަރަހައްދެއް ބޭއްވުމަށް ކުރެވޭ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.
މި ދަތުރުފުޅު ދިމާވަނީ ރާއްޖެ އާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާވެސް މެއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި އެމެރިކާއިން ދެކެއެވެ.




