"ރަޝިޔާ، ޗައިނާ، އުތުރު ކޮރެއާ، އީރާން އަދި ޕާކިސްތާނުން ދަނީ ނިއުކްލިއަރ އަދި އާދައިގެ ހަތިޔާރު އުފުލޭނެ އާދަޔާ ހިލާފު އަދި ކުރިއަރާފައިވާ މިސައިލް ސިސްޓަމްތައް ތަރައްގީ ކުރަމުން": އެމެރިކާގެ ޑައިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް ޓުލްސީ ގަބާޑް
ޕާކިސްތާނަކީ އެމެރިކާއަށް ބޮޑު ނުރައްކަލެއް އޮތް ގައުމުތަކުގެ ލިސްޓުގައި ހިމަނުއްވައި، އެ ގައުމުގެ މިސައިލް ގާބިލްކަން އިތުރުވަމުންދިއުމަކީ އެމެރިކާގެ ބިމަށް ހަމަލާދެވިދާނެ ފަދަ ނުރައްކަލެއް ކަމަށް އެމެރިކާގެ ޑައިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް ޓުލްސީ ގަބާޑް، އިންޒާރު ދެއްވައިފިއެވެ.
ބުދަ ދުވަހު އެމެރިކާގެ ސެނެޓް އިންޓެލިޖެންސް ކޮމިޓީއަށް 2026 ވަނަ އަހަރުގެ އަހަރީ ބިރުވެރިކަން ވަޒަންކުރުމުގެ ރިޕޯޓް ހުށަހަޅުއްވަމުން ގަބާޑް ވިދާޅުވީ، "ރަޝިޔާ، ޗައިނާ، އުތުރު ކޮރެއާ، އީރާން އަދި ޕާކިސްތާނުން ދަނީ ނިއުކްލިއަރ އަދި އާދައިގެ ހަތިޔާރު އުފުލޭނެ އާދަޔާ ހިލާފު އަދި ކުރިއަރާފައިވާ މިސައިލް ސިސްޓަމްތައް ތަރައްގީ ކުރަމުން" ކަމަށެވެ. މީގެ އިތުރުން ޕާކިސްތާނުގެ ދުރު ރާސްތާގެ ބެލިސްޓިކް މިސައިލްތަކުގެ ތެރޭގައި އެމެރިކާއާ ހަމައަށް ފޯރާނެ އައިސީބީއެމްތައް ހިމެނިދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިންޓެލިޖެންސް މުޖުތަމައުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި މިސައިލްގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ. މިހާރު އެމެރިކާއަށް އޮތް ނުރައްކަލުގެ ގޮތުގައި ބެލެވޭ 3,000 މިސައިލްގެ އަދަދު 2035 ވަނަ އަހަރާ ހަމައަށްދާއިރު 16,000 އަށްވުރެ މައްޗަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި ރިޕޯޓާ ގުޅިގެން ވޮޝިންޓަންގައި ހުންނަވާ އިލްމުވެރިއެއް ކަމަށްވާ ޝުޖާ ނަވާޒް ވިދާޅުވީ، މިއީ ބައިޑަން ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކުގެ ކުރިއެރުމެއް ކަމަށެވެ. ނަމަވެސް އޭނާ ފާހަގަކުރެއްވި ގޮތުގައި ޕާކިސްތާނުގެ ޝާހީން-3 މިސައިލްގެ ރާސްތާއަކީ 2,800 ކިލޯމީޓަރަށްވުރެ ކުޑަ ރާސްތާއެކެވެ. އަދި ޕާކިސްތާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ހަމައެކަނި އިންޑިއާއިން ކުރިމަތިވެދާނެ ނުރައްކަލަކުން ރައްކާތެރިވުމަށް އޮތް އެއްޗެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މައިކަލް ކުގަލްމަން ފަދަ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، އީރާން އޮބިއަޅަން އެމެރިކާއިން މަސައްކަތް ކުރާއިރު ޕާކިސްތާނު މި ލިސްޓުގައި މިވަގުތު ހިމެނުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. ނަމަވެސް، އެއީ ހަމައެކަނި ޕާކިސްތާނަށް އަމާޒުކޮށްގެން ދެއްކި ވާހަކައެއް ނޫން ކަމަށް ބުނެއެވެ. އެހެން ގައުމުތަކާ އެކު ޕާކިސްތާނުގެ ނަން ހިމެނުމަކީ އެމެރިކާގެ މިހާރުގެ ސަރުކާރުން ޕާކިސްތާނާމެދު ގެންގުޅޭ ސިޔާސަތު ހާމަވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.




