ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ބޭނުންކުރާނެ ވޯޓު ކަރުދާސްކޮޅުގެ ނަމޫނާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފިއެވެ. މި ވޯޓަކީ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ އެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ވޯޓެކެވެ.
އީސީން އާންމުކުރި ވޯޓު ކަރުދާހުގައި ސުވާލެއްގެ ގޮތުގައި ހިމަނާފައިވަނީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ "ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަން ފެނޭތޯ ނުވަތަ ނޫންތޯއެވެ.

މި އިސްލާހަށް މައި އިދިކޮޅު ޕާޓީ އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ސިޔާސީ ޕާޓީތަކުން ވަނީ ތާއީދުކޮށްފައެވެ. ނަމަވެސް، މި ވޯޓު ހުއްޓުވުމަށް އެދި ބައެއް ވަކީލުންގެ ފަރާތުން ސުޕްރީމް ކޯޓަށް މިހާރު ވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ.
އެޕްރީލް މަހު ބޭއްވުމަށް ތައްޔާރުވަމުންދާ މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުވެސް އީސީން ވަނީ މިއަދު އާންމުކޮށްފައެވެ. އެ ލިސްޓުގައިވާ ގޮތުން ޖުމްލަ 294,876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144,506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ.
ކޮމިޝަނުން އެންމެ ފުރަތަމަ ނެރުނު ލިސްޓުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 294,937 އެވެ. ނަމަވެސް ފައިނަލް ލިސްޓަށް އައި ބަދަލާއެކު މި އަދަދު ވަނީ ކުޑަކޮށް މަދުވެފައެވެ. އިލެކްޝަންސް ކޮމިޝަނުން އަންނަނީ 2026 ވަނަ އަހަރުގެ އިންތިހާބުތަކަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.



