ރައްޔިތުން ބޭނުންވަނީ ސިޔާސީ ހަމަޖެހުން: ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން

"ރައްޔިތުން ބޭނުންވަނީ ސިޔާސީ ހަމަޖެހުން. ސިޔާސީ ގޮތުން މި އޮންނަ ހަލަބޮލިކަން ނައްތާލަން. ތަރައްގީގައި ކުރިއަށްދާން ." – ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން

ރާއްޖޭގެ ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވަނީ ސިޔާސީ ހަމަޖެހުން ގާއިމުވެ، ތަރައްގީގެ މަގުގައި ކުރިއަށްދިއުމަށް ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ވިދާޅުވެއްޖެ އެވެ. މެންބަރު މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީގައި ކުރިއަށްގެންދިޔަ ސިޔާސީ ހަރަކާތްތަކަކަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.

ފުވައްމުލަކު ސިޓީގައި އިއްޔެ ވަނީ "ވޯޓް ދޫންޏަށް" މި ނަމުގައި ހާއްސަ ސައިކަލު ބުރެއް ބާއްވާފަ އެވެ. މީގެ އިތުރުން، އެ ސިޓީގެ ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލަތު ބެލުމަށް "ދޮރުން ދޮރަށް" ހިނގުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށްގެންގޮސްފަ އެވެ. މި ހަރަކާތްތަކުގައި ޕާޓީގެ އިސްލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެން، ދާއިރާގެ ގިނަ ގޭބިސީތަކަކަށް ޒިޔާރަތްކުރެއްވި ކަމަށް މެންބަރު ވިދާޅުވި އެވެ.

މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުން ކަމަށް މެންބަރު އިބްރާހީމް ހުސައިން ފާހަގަކުރެއްވި އެވެ. ޚާއްޞަގޮތެއްގައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި އިންތިޚާބުތަކަށް ހޭދަވާ ވަގުތު ސަލާމަތްކުރުމުގެ ގޮތުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފުވައްމުލަކު ރައްޔިތުންގެ ބޮޑު ތާއީދެއް އޮތްކަން މެންބަރު ހާމަކުރެއްވި އެވެ.

"ރައްޔިތުން ބޭނުންވަނީ ސިޔާސީ ހަމަޖެހުން. ސިޔާސީ ގޮތުން މި އޮންނަ ހަލަބޮލިކަން ނައްތާލަން. ތަރައްގީގައި ކުރިއަށްދާން،" މެންބަރު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ދެ އިންތިޚާބު އެއްކޮށްލުމަކީ ސިޔާސީ ހަމަޖެހުން ގާއިމުކުރުމަށް ރައްޔިތުން ބޭނުންވާ މުހިންމު ބަދަލެއް ކަމަށެވެ.

މިފަދަ ހަރަކާތްތަކުގެ ސަބަބުން ދާއިރާގެ ރައްޔިތުންނާއި ސިޔާސީ ވެރިންނާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް މެންބަރު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ގާތުން ބައްލަވައި، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަކީ މި މަސައްކަތުގެ މުހިންމު ބައެއްކަން އޭނާ ފާހަގަކުރެއްވި އެވެ. މި ހަރަކާތުގެ ތެރެއިން ކުރިއަށް އޮތް އިންތިހާބީ މަސައްކަތްތައް ކާމިޔާބުކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު ކަންތައްތައް ދެނެގަނެވިފައިވާ ކަމަށްވެސް މެންބަރު ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!