"ސިޔާސީ ހިޔާލު ތަފާތުވިޔަސް މި ވޯޓުގައި ރައްޔިތުން އަންނަނީ މިކަމަށް ތާއީދުކުރަމުން. ފައިދާތައް އެނގުނީމަ އެބަ ގަބޫލުކުރޭ،" ރާފިއު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ބޮޑު ތާއީދެއް އޮތް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. އެމްއެމްޓީވީގެ "ދިވެހީންގެ ރާއްޖެ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސިޔާސީ ޚިޔާލު ތަފާތުވުންތައް ހުރި ނަމަވެސް، ގިނަ ރައްޔިތުން ބޭނުންވަނީ ސިޔާސީ ހަމަޖެހުން ކަމަށެވެ.
ވަޒީރު ރާފިއު ފާހަގަކުރެއްވި ގޮތުގައި، ކުދި އާބާދީތަކުގައި ގާތްގާތުގައި އިންތިހާބުތައް ބޭއްވުމަކީ އާއިލީ ގުޅުންތަކަށް ބުރޫއަރައި، ހިތްނުތަނަވަސްކަން އުފެދޭ ކަމެކެވެ. "މި ރަށްތަކުންވެސް ވަރަށް ބޮޑު ކޮންސާނެއް އެބަ ރެއިސްކުރޭ ކޮންމެ އިންތިހާބަކީ ކުދި ކުދި އާބާދީ ތަކުގައި ބާއްވާ އިންތިހާބުތަކަށްވާއިރު އާއިލީ އިންތިހާބުތަކާ ގުޅިގެން ވެސް ވަރަށް ބޮޑު ހިތް ނުތަނަވަސްކަން އުފެދޭ ރައްޔިތުންގެ މެދުގައި. މިކަންވެސް ހައްލުވާނެ ކަމަށް ރައްޔިތުން އެބަ ބުނޭ،" ވަޒީރު ވިދާޅުވިއެވެ.
މިހާރު އިންތިހާބުތައް ބާއްވާ އުސޫލުން، ދެ އިންތިހާބު ދޭތެރޭ އޮންނަ ހަ މަސްދުވަހަކީ ސަރުކާރުގެ މަސައްކަތްތަކަށް އެޅޭ ހުރަހެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. އެ މުއްދަތުގައި ސަރުކާރު އޮންނަނީ "މަރުތަޅު" އެޅުވިފައި ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކަށް ބުރޫއަރާ ކަމަށް އޭނާ ވިދާޅުވިއެވެ. ދެ އިންތިހާބު އެއްކޮށްލުމުން ސަރުކާރަށް ހިދުމަތް ދިނުމަށް ފަސޭހަވެގެންދާނެ ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށްވެސް ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީން މިކަމާ ގުޅޭގޮތުން ތަފާތު ވާހަކަތަކެއް ދެއްކި ނަމަވެސް، އިދިކޮޅު ފިކުރުގެ ރައްޔިތުންގެ ތެރޭގައިވެސް މި ހުށަހެޅުމަށް ތާއީދު އެބައޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ. "ސިޔާސީ ޚިޔާލު ތަފާތުވިޔަސް މި ވޯޓުގައި ރައްޔިތުން އަންނަނީ މިކަމަށް ތާއީދުކުރަމުން. ފައިދާތައް އެނގުނީމަ އެބަ ގަބޫލުކުރޭ،" ރާފިއު ވިދާޅުވިއެވެ.
މީގެ އިތުރުން، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދައުލަތުގެ ބަޖެޓަށް ލުއިކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އިންތިހާބުތަކަކީ ދައުލަތުން ބޮޑު ހަރަދެއް ހިނގާ ކަމަކަށް ވާއިރު، އެއްކޮށް ބޭއްވުމުން އިގްތިސާދީ ގޮތުން ބޮޑު ފައިދާއެއް ކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ވަޒީރު ރާފިއު ވާހަކަފުޅު ނިންމަވާލެއްވީ، ކުރިއަށް އޮތް އިންތިހާބު ކޮންގްރެސް ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް މުޅި ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު ޖޯޝަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވަމުންނެވެ.



