އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް 200 ބިލިއަން ޑޮލަރަށްވުރެ ބޮޑު ބަޖެޓެއް ހޯދުމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރަގްޗީ އެމެރިކާއަށް މަލާމާތް ކުރައްވައިފިއެވެ. އަރަގްޗީ ވިދާޅުވީ މިއީ އެމެރިކާގެ އާންމު ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ބޮޑު މާލީ ބުރައެއް ކަމަށާއި، މީގެ ބަދަލުގައި އެމެރިކާ ރައްޔިތުން ޝުކުރު އަދާކުރަންވީ އިޒްރޭލަށް ކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރަގްޗީ ސިފަކުރެއްވި ގޮތުގައި، 2026 ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ދިން ވައިގެ ޓެރަރިސްޓް ހަމަލާތަކާއެކު ފެށުނު މި ހަނގުރާމައަކީ ދެ ގައުމުގެ ރައްޔިތުންގެ މައްޗަށް މަޖުބޫރުކޮށްފައިވާ އެމެރިކާއިން "ބޭނުންވެގެން ކުރާ ހަނގުރާމައެއް" ކަމަށެވެ. އަދި ޕެންޓަގަނުން އެދިފައިވާ 200 ބިލިއަން ޑޮލަރަކީ ކުރިއަށް އޮތް ބޮޑު ހޭދައިގެ ކުޑަ މިންވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ވަނީ މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ކުރާނެ އަސަރުތަކަށް އިޝާރާތް ކުރައްވައި، މިއީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކޮންގްރެސްގައި ތިއްބެވި އޭނާގެ އައުވާނުން އެމެރިކާގެ އިގްތިސާދަށް ޖައްސާފައިވާ ޓްރިލިއަން ޑޮލަރުގެ "އިޒްރޭލް ފަސްޓް ޓެކްސް" އެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. "އާންމު އެމެރިކާ ރައްޔިތުންނަށް މިހާރު ޖެހޭނީ ބެންޖަމިން ނަތަންޔާހޫ އާއި ކޮންގްރެސްގައި ތިބި އޭނާގެ ގުލާނުންނަށް ޝުކުރު އަދާކުރަން،" އަރަގްޗީ ލިޔުއްވާފައިވެއެވެ.
ވޮޝިންގޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕެންޓަގަނުން ވައިޓް ހައުސް މެދުވެރިކޮށް ކޮންގްރެސްއަށް ހުށަހަޅަން އުޅޭ މި ބަޖެޓަކީ ހަނގުރާމައިގައި ބޭނުން ކުރުމުން ހުސްވެފައިވާ ހަތިޔާރުތައް އަލުން ހޯދުމަށާއި އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ފައިސާއެވެ. ނަމަވެސް، އެމެރިކާ ސަރުކާރުގެ ބައެއް އިސް އޮފިޝަލުން ގަބޫލުކުރައްވާ ގޮތުގައި މިއީ ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ކޮންގްރެސްއިން ފާސްކުރަން އުނދަގޫވާނެ ބޮޑު އަދަދެކެވެ.
ޕެންޓަގަނުގެ އަންދާޒާތަކުން ދައްކާގޮތުގައި، ހަނގުރާމައިގެ ފުރަތަމަ 48 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 5.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވަނީ ބޭނުންކޮށްފައެވެ. އަދި ފުރަތަމަ ހަފްތާގެ ތެރޭގައި މި ޚަރަދު 11 ބިލިއަނާއި 14.5 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާފައިވާއިރު، މިހާރު ދުވާލަކު 1 ބިލިއަނާއި 2 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހަނގުރާމައަށް ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.
މި ބޮޑު ހޭދައާއެކު ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލި، އެމެރިކާގެ ތަކެތީގެ އަގު ބޮޑުވެދާނެ ކަމުގެ އިންޒާރުތައް ވަނީ ލިބިފައެވެ.






