ފިލިޕީންސަށް ކުރިމަތިވި ތޫފާނާ ގުޅިގެން އިންޑިއާއިން 30 ޓަނުގެ އެހީ ފޮނުވައިފި

ފިލިޕީންސަށް ދާދިފަހުން ކުރިމަތިވި ބާރުގަދަ ސުޕަރ ޓައިފޫންއާ ގުޅިގެން، އެ ގައުމަށް ބޭނުންވާ އިންސާނީ އެހީގެ ސާމާނު އިންޑިއާއިން ފޮނުވައިފިއެވެ. މިއީ ބޭނުންޖެހިފައިވާ ވަގުތުތަކުގައި ބައިވެރި ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން ގެންގުޅޭ ސިޔާސަތުގެ ދަށުން ފޮނުވި އެހީއެކެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "އިންޑިއާ އޮތީ ފިލިޕީންސާ އެކު" ކަމަށެވެ. މި އެހީއަކީ ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ފިލިޕީންސް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ފޮނުވި އެހީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި އެހީގެ ސާމާނު އުފުލފައިވަނީ އިންޑިއާގެ ވައިގެ ސިފައިންގެ ސީ-17 މަރުކާގެ މަތިންދާބޯޓެއްގައެވެ. މި ބޯޓު  ފިލިޕީންސްގެ ކްލާކް އެއާ ބޭސްއަށް ދިއުމަށް ވަނީ ފުރާފައެވެ. މި ދަތުރުގައި ގާތްގަނޑަކަށް 30 ޓަނުގެ އެހީގެ ތަކެތި ފޮނުވާފައިވެއެވެ.

ފޮނުވި ތަކެތީގެ ތެރޭގައި އިންޑިއާގެ ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެން.ޑީ.އާރް.އެފް) ގެ ރިލީފް މެޓީރިއަލްސްއާއި، ޒަރޫރީ ބޭސްފަރުވާގެ ސާމާނުގެ އިތުރުން "ބީޝްމް ކިއުބް" ހިމެނެއެވެ. މިއީ ކުއްލި ހާލަތްތަކުގައި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާ ޒަމާނީ ވަސީލަތްތަކެކެވެ.

ފިލިޕީންސަށް ކުރިމަތިވި މި ގުދުރަތީ ކާރިސާގައި ގިނަ ބަޔަކަށް އަސަރުކޮށްފައިވާއިރު، އިންޑިއާއިން ފޮނުވި މި އެހީގެ ސަބަބުން އެ ގައުމުގެ ރިލީފް އަދި ރިކަވަރީ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!