ޕާކިސްތާނުގެ ގައުމީ މަޖިލީހުން ވަނީ މެމްބަރުންގެ މުދަލާއި މިލްކިއްޔާތުގައި ހިމެނޭ ތަކެތީގެ މައުލޫމާތު އާންމުންނަށް ސިއްރު ކުރުމަށް ފާސްކޮށް އިންތިޚާބާ ބެހޭ ގާނޫނަށް އިސްލާހު ގެނަސް ފައެވެ. މި އިސްލާހުގެ ދަށުން، މެންބަރެއްގެ ނުވަތަ އެ މެންބަރެއްގެ އާއިލާގެ ފުރާނައަށް ނުވަތަ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ހާލަތްތަކުގައި، އެ މެންބަރެއްގެ މުދަލާއި ފައިސާގެ ބަޔާން އާންމުކުރުން ހިފެހެއްޓުމުގެ ބާރު ލިބިދެއެވެ.
އިންތިޚާބާ ބެހޭ ގާނޫނުގެ 138 ވަނަ މާއްދާއަށް ހުށަހަޅާފައިވާ މި އިސްލާހުގައިވާ ގޮތުން، މެންބަރަކު އެދިވަޑައިގެންފި ނަމަ، މަޖިލީހުގެ ރައީސް ނުވަތަ ސެނެޓުގެ ޗެއާމަންއަށް އެ މެންބަރެއްގެ މުދަލުގެ ބަޔާން އާންމު ނުކުރުމަށް ނިންމިދާނެއެވެ. ނަމަވެސް، މިގޮތަށް އަމަލުކުރެވޭނީ އެއް އަހަރަށް ވުރެ އިތުރުނުވާ މުއްދަތަކަށެވެ. އަދި މި ހާލަތުގައި ވެސް މެންބަރުންގެ މުދަލާއި ފައިސާގެ ފުރިހަމަ ބަޔާން އިލެކްޝަން ކޮމިޝަނަށް ސިއްރުގެ ގޮތުގައި ހުށަހަޅަން ޖެހޭނެއެވެ.
ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) ގެ މެންބަރު ޝާޒިއާ މަރީ ހުށަހެޅުއްވި މި ބިލު ގާނޫނަކަށް ވާނީ ސެނެޓުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުންނެވެ. މިހާރު އަމަލުކުރަމުންދާ ގާނޫނު ބުނާގޮތުން، ކޮންމެ އަހަރެއްގެ ޑިސެމްބަރު 31 ގެ ކުރިން ހުރިހާ މެންބަރުން އެ ބޭފުޅުންނާއި، އަނބިދަރިންގެ މުދަލުގެ ބަޔާން ހުށަހަޅަން ޖެހެއެވެ. އަދި އިލެކްޝަން ކޮމިޝަނުން އެ ބަޔާންތައް ރަސްމީ ގެޒެޓުގައި ޝާއިއު ކުރަން ޖެހެއެވެ.
މި ބިލު ފާސްކޮށްފައި މިވަނީ، މުދަލުގެ ބަޔާން ހުށަނޭޅުމުގެ ސަބަބުން 159 މެންބަރެއްގެ ގޮނޑި އިލެކްޝަން ކޮމިޝަނުން ސަސްޕެންޑް ކުރިތާ ހަފުތާއެއް ފަހުންނެވެ. ސަސްޕެންޑް ކުރި މެންބަރުންގެ ތެރޭގައި ގައުމީ މަޖިލީހުގެ 32 މެންބަރުންނާއި، ސެނެޓުގެ 9 މެންބަރުންގެ އިތުރުން ޕަންޖާބު، ސިންދު، ޚައިބަރު ޕަޚުތޫންޚުވާ އަދި ބަލޮޗިސްތާން އެސެމްބްލީގެ މެންބަރުން ހިމެނެއެވެ.
ސަސްޕެންޑް ކުރެވުނު ބޭފުޅުންގެ ތެރޭގައި މިނިސްޓަރު ޑރ. މުސާދިގު މަލިކާއި، ސިންދު އެސެމްބްލީގެ ރައީސް ސައްޔިދު އުވައިސް ގާދިރު ޝާހު އަދި ކުރީގެ ޗީފް މިނިސްޓަރު ސައްޔިދު ގާއިމް އަލީ ޝާހު ހިމެނިވަޑައިގަންނަވައެވެ. މި ބިލަކީ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގެނެވޭ ބަދަލެއް ކަމަށް ބިލު ހުށަހެޅުއްވި ފަރާތުން ބުނެއެވެ.







