ދުނިޔޭގެ އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) މަސައްކަތްތެރިންގެ 16 އިންސައްތަ މިހާރު ހިއްސާކުރަނީ އިންޑިއާއިންނެވެ. އިންޑިއާ ސްކިލްސް ރިޕޯޓް 2026 އިން ދައްކާގޮތުގައި، އިންޑިއާ އަކީ އޭއައި ހުނަރުވެރިންގެ މައި މަރުކަޒަކަށް ވަރަށް ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ގައުމެކެވެ. މި ރިޕޯޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި އިންޑިއާގައި 6 ލައްކައަށް ވުރެ ގިނަ އޭއައި ފަންނީ މާހިރުން އެބަތިއްބެވެ. އަދި ދުނިޔޭގެ ބާޒާރުގައި މި ދާއިރާއަށް އޮތް ޑިމާންޑް އިތުރުވަމުންދާ ވަރަކަށް މި އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.
މި ކުރިއެރުން އައިސްފައިވަނީ ވަޒީފާއަށް މީހުން ނެގުމާއި، ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުން ފެށިގެން، ޑޭޓާ އެނަލިޓިކްސް އަދި އުފެއްދުންތައް ތަރައްގީކުރުމާ ހަމައަށް، އެކި ސިނާއަތްތަކުގެ ކންމެ ދުވަހެއްގެ މަސައްކަތްތަކުގެ ތެރެއަށް އޭއައި ލާމެހެމުންދާ ދަނޑިވަޅެއްގައެވެ. ޒުވާން ފަންނީ މަސައްކަތްތެރިންނަށް މި ބަދަލު މިހާރުވެސް ދަނީ ފެންނަމުންނެވެ. އިންޖިނިއަރިންގގެ ދާއިރާގައި ދަސްވެނިންނާއި ވަޒީފާގެ މައިދާނަށް އަލަށް ނުކުންނަ މީހުން، ޑޭޓާ، މެޝިން ލާނިންގ އަދި އޮޓޮމޭޝަން ގެ ވަޒީފާތަކަށް ޝައުގުވެރިވާ މިންވަރު ދަނީ އިތުރުވަމުންނެވެ. ގިނަ ބަޔަކު ދަނީ ރަސްމީ ތައުލީމުގެ އިތުރުން އޮންލައިން ކޯސްތަކާއި ޕްރޮޖެކްޓްތަކުގެ އެހީގައި މި ހުނަރުތައް ދަސްކުރަމުންނެވެ.

ދުނިޔޭގެ އޭއައި މައިދާނުގައި އިންޑިއާ ކުރިއަރަމުންދާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:
- – އާ ހުނަރުތައް ދަސްކުރުމަށް ތައްޔާރަށް އޮތް އުމުރުގެ ބޮޑު އާބާދީއެއް އޮތުން
- – ވަރުގަދަ އައިޓީ އަދި ޑިޖިޓަލް އިންފްރާސްޓްރަކްޗަރެއް އޮތުމުގެ ސަބަބުން އާ އީޖާދުތަކަށް އަވަހަށް އަހުލުވެރިވެވުން
- – އޭއައި ވަސީލަތްތަކަށް އާންމުކޮށް ހޭލުންތެރިވެފައިވުން (ރިޕޯޓްތައް ބުނާގޮތުން 90 އިންސައްތައަށްވުރެ ގިނަ މުވައްޒަފުން ކޮންމެވެސް ސިފައެއްގައި ޖެނެރޭޓިވް އޭއައި ބޭނުންކުރޭ)
- – ސެޓްފިކެޓްތަކަށްވުރެ ބޮޑަށް ހުނަރަށް ބަލައިގެން ވަޒީފާ ދިނުމަށް އިސްކަންދޭން ފެށުން
މި ހާލަތުގެ ސަބަބުން އޭއައި، ޑޭޓާ އެނަލިޓިކްސް، ސައިބަރ ސެކިއުރިޓީ އަދި ކްލައުޑް ކޮމްޕިއުޓިންގ ފަދަ ދާއިރާތަކުގެ މާހިރުންނަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާއި ސިނާއަތްތަކުން ބަލައިގަންނަ ސެޓްފިކެޓްތައް ދަނީ އާންމުވަމުންނެވެ.
އޭއައިގެ މި ކުރިއެރުން މިހާރު ހަމައެކަނި ބޮޑެތި ސިޓީތަކަށް ހަނިވެފައެއް ނެތެވެ. ގޭގައި ތިބެގެން ދުރު މަންޒިލުތަކުގައި ތިބެގެން މަސައްކަތްކުރުމާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ސަބަބުން، ކުދި ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކަށްވެސް އެހެން ތަނަކަށް ބަދަލުނުވެ އޭއައިއާ ގުޅުންހުރި ވަޒީފާތަކަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.
އޭއައިގެ ސަބަބުން އެކި ދާއިރާތަކުގެ ވަޒީފާތަކުގެ ބާވަތް ދަނީ ބަދަލުވަމުންނެވެ. އާންމުކޮށް ތަކުރާރުކޮށް ކުރާ މަސައްކަތްތައް އޮޓޮމޭޓް ކުރެވެމުންދާއިރު، މިހާރު ހުރި ވަޒީފާތަކަށް އާ ޒިންމާތަކެއް ދަނީ އިތުރުވަމުންނެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މެދުނުކެނޑި އާ މައުލޫމާތ ދަސްކުރުމަކީ މިހާރު ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި ކެރިއަރުގެ މަގުތައް ބިނާވަނީ ވަކި ޚާއްސަ އޮނިގަނޑަކަށްވުރެ ބޮޑަށް، މަސައްކަތްކުރާ ޕްރޮޖެކްޓްތަކުގެ މައްޗަށެވެ.
ވަޒީފާދޭ ފަރާތްތަކުންވެސް ދަނީ މި ބަދަލުތަކަށް ހޭނެމުންނެވެ. މިހާރު ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަންދެނީ:
- – މައްސަލަ ހައްލުކުރުމުގެ ގާބިލުކަމަށް
- – ބަދަލުތަކަށް ހޭނުމުގެ ކުޅަދާނަކަމަށް
- – އޭއައި ވަސީލަތްތަކަށް އަހުލުވެރި ވެފައިވާ މިންވަރަށް
- – އާ ހުނަރުތައް ދަސްކުރުމުގެ ޝައުގުވެރިކަމަށް
މީގެ އިތުރުން، އޭއައިގެ އެހީގައި މަސައްކަތްކުރާ މާހައުލަށް މުވައްޒަފުން ތައްޔާރުކުރުމަށްޓަކައި، ކުންފުނިތަކުން ދަނީ އެތެރޭގެ ތަމްރީނު ޕްރޮގްރާމްތަކަށް އިންވެސްޓްކުރަމުންނެވެ.





