އެމްޕީއެލްގެ ސީއީއޯ ރިޝްވާންގެ މައްޗަށް ދައުވާކުރަން ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވައިފި

ކޮރަޕްޝަނަށް ތުހުމަތުކުރާ މައްސަލައެއްގައި އައިޖީއެމްއެޗްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މިހާރުގެ ސީއީއޯ މުހައްމަދު ރިޝްވާންގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވައިފިއެވެ. މި މައްސަލަ ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވާފައިވާކަން ޕީޖީ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ރިޝްވާންގެ މައްޗަށް މި ތުހުމަތު ކުރެވެނީ އައިޖީއެމްއެޗުގެ އިމާރާތުގެ އަލިފާން ނިންވުމުގެ މަސައްކަތް އޭނާއާ ގުޅުން އޮންނަ ކުންފުންޏަކާ ހަވާލުކުރި ކަމަށް ބުނާ މައްސަލައެއްގައެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި ދުވަސްވަރު ހިނގާފައިވާ ކަމެކެވެ. ރިޝްވާން އެ މަގާމު އަދާކުރެއްވީ 2018 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށެވެ.

ޑިއުޓީ ޕްރޮސިކިއުޝަނަކީ ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާތަކުން ދައުވާކުރަން ހުށަހަޅާ މައްސަލަތައް ޕީޖީ އޮފީހަށް ރަސްމީކޮށް ބަލައިގަތުމުގެ ކުރިން، ތަހުގީގު ފުރިހަމަވެފައިވާ މިންވަރު ބެލުމަށް ކުރިއަށް ގެންދާ މަރުހަލާއެކެވެ. މި މަރުހަލާ ނިމި، ދައުވާ ކުރެވޭ މިންވަރަށް ހެކި ހުރި ނަމަ މައްސަލަ ރަސްމީކޮށް ކޯޓަށް ހުށަހެޅުމަށް ޕީޖީ އޮފީހަށް ފޮނުވާނެއެވެ.

މިހާރު އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވި ރިޝްވާނަކީ މީގެކުރިން ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ފުލުހުންގެ ހިދުމަތުން ވަކިވެވަޑައިގަތީ 2011 ވަނަ އަހަރުއެވެ. އޭގެ ފަހުން އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރެއްވުމަށްފަހު، މި ސަރުކާރުގައި އޭނާ ވަނީ އެމްޕީއެލްގެ އިސް މަގާމަށް އައްޔަންކުރައްވާފައެވެ.

އައިޖީއެމްއެޗާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކުގައި މީގެކުރިންވެސް އޭސީސީން ވަނީ ބައެއް ބޭފުޅުންގެ މައްޗަށް ދައުވާކުރަން ފޮނުވާފައެވެ. އޭގެ ތެރޭގައި ކޮވިޑް-19ގެ ރީއެޖެންޓްސް ހޯދުމުގައި އަމިއްލަ މަސްލަހަތު އޮތް ކުންފުންޏަކަށް ފައިދާ ހޯދައިދިން ކަމުގެ ތުހުމަތުގައި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) އާއި ޑރ. އަލީ އަބްދުﷲ ލަތީފުގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ ހިމެނެއެވެ.

ހިއްސާ ކުރައްވާ!