އީރާނުން ހުށަހެޅި އިޚުލާސްތެރި ހުށަހެޅުމެއް ކުޝްނާ އާއި ވިޓްކޮފް ހުރަސްއަޅައި ފެއިލްކޮށްލި

އީރާނުގެ ނިއުކްލިއާ މައްސަލައިގައި އެ ގައުމުން ހުށަހެޅި އިޚުލާސްތެރި ހުށަހެޅުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މުޝީރުން ކަމަށްވާ ޖެރެޑް ކުޝްނާ އާއި ސްޓީވަން ވިޓްކޮފް ހުރަސްއަޅައި ފެއިލްކޮށްލާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުން ރިޕޯޓްކޮށްފިއެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި، އިނގިރޭސިވިލާތުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޮނަތަން ޕަވަލްއާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ އެންމެ ފަހުގެ މަޝްވަރާތަކުގައި އީރާނުން ހުށަހެޅި ހުށަހެޅުމަކީ ހަނގުރާމައެއް ހުއްޓުވުމަށް އެކަށީގެންވާ ފަދަ މުހިންމު އަދި ހައިރާންކުރުވަނި ހުށަހެޅުންތަކެއް ކަމަށެވެ. މި ހުށަހެޅުމާ ގުޅިގެން އިތުރު މަޝްވަރާތަކެއް ކުރުމަށް ތާވަލުކުރެވުނު ނަމަވެސް، އޭގެ ދެ ދުވަސް ފަހުން އެމެރިކާއާއި އިސްރާއީލުން ވަނީ އީރާނަށް ޓެރަރިސްޓް ހަމަލާދީފައެވެ.

ޑިޕްލޮމެޓިކް މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި، ޖޮނަތަން ޕަވަލް ލަފާ ކުރައްވަނީ ކުޝްނާ އާއި ވިޓްކޮފް އަކީ "އިސްރާއީލުގެ އެޖެންޓުން" ކަމަށެވެ. އަދި އެ ދެ ބޭފުޅުން ވަނީ ޓްރަމްޕް ހަނގުރާމައަކަށް ވެއްދުމަށް ބާރުއަޅުއްވާފައި ކަމަށްވެސް ލަފާ ކުރާކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ޓެރަރިސްޓް ހަމަލަތަކާ ގުޅިގެން މަޝްވަރާގެ މޭޒުން ކަންކަން ހައްލުކުރުމަށް ލިބުނު ފުރުސަތު ގެއްލި، ސަރަހައްދީ ނުތަނަވަސްކަން އިތުރުވެގެން ދިޔަ ކަމަށް ފާހަގަކުރެއެވެ. ޖޮނަތަން ޕަވަލް ފާހަގަކުރެއްވި ގޮތުގައި އީރާނުގެ ހުށަހެޅުމަކީ އިނގިރޭސިވިލާތުންވެސް ބަލައިގަތް، މައްސަލައަށް ސުލްހަވެރި ހައްލެއް ލިބިދާނެ ފަދަ ހުށަހެޅުމެކެވެ.

ހިއްސާ ކުރައްވާ!