ސުއިޒަރލެންޑުން ޒަމާނުއްސުރެ ގެންގުޅެމުން އަންނަ އަސްކަރީ ވަކިފަރާތަކަށް ނުޖެހުމުގެ ސިޔާސަތުގެ ދަށުން، އެމެރިކާއަށް ހަތިޔާރު އެކްސްޕޯޓް ކުރުމަށް ދޫކުރާ ހުއްދަތައް ދިނުން އެ ގައުމުން ހުއްޓާލައިފިއެވެ.
ސުއިޒަރލެންޑް ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އީރާނަށް ޓެރަރިސްޓް ހަމަލަތައް ދޭން ފެށިފަހުން އެމެރިކާއަށް ހަނގުރާމައިގެ ސާމާނު ފޮނުވުމަށް އެއްވެސް އާ ލައިސަންސެއް ދޫކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، އިޒްރޭލަށް ހަތިޔާރު ވިއްކުމުގެ އެއްވެސް ހުއްދައެއް ނުދޭތާ މިހާރު އެތައް އަހަރެއް ވެފައިވާ ކަމަށްވެސް ސުއިޒަރލެންޑުން ބުނެފައިވެއެވެ.

ސުއިޒަރލެންޑް ސަރުކާރުން ބުނީ ކަމާބެހޭ މާހިރުންގެ ގްރޫޕަކުން އެމެރިކާއަށް މުދާ އެކްސްޕޯޓް ކުރުމާ ގުޅޭ ކަންކަން ގަވާއިދުން މުރާޖައާ ކުރަމުންދާނެ ކަމަށެވެ. އަދި ވަކިފަރާތަކަށް ނުޖެހުމުގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ، އެކަންކަން ވަޒަންކުރަމުންދާނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ.
މިދިޔަ ހަފްތާ ބަންދުގައި، ސުއިޒަރލެންޑުން ވަނީ އީރާނަށް ޓެރަރިސްޓް ހަމަލަތައް ދޭ އުދުހުންތަކަށް އެމެރިކާއިން ކުރި ދެ އާދޭހަކަށް އިންކާރުކޮށްފައެވެ. ނަމަވެސް، ވަކިފަރާތަކަށް ނުޖެހުމުގެ ގާނޫނަށް ރިއާޔަތްކޮށް އެހެން ތިން އުދުހުމަކަށް ވަނީ ހުއްދަ ދީފައެވެ.
މީގެ ކުރިން 2003 ވަނަ އަހަރު އެމެރިކާ އިސްވެ އޮވެ އިރާގަށް އެރި ހާދިސާއާ ގުޅިގެންވެސް، ސުއިޒަރލެންޑްގެ ވައިގެ ސަރަހައްދު ބޭނުންކުރުމާއި ހަނގުރާމައިގައި ބައިވެރިވި ގައުމުތަކަށް ހަތިޔާރު ވިއްކުން މަނާކުރިއެވެ. ނަމަވެސް ފަހުން އެ މަނާކުރުންތައް ވަނީ އުވާލާފައެވެ.




