މައްކާއަށް ޑްރަގް އެތެރެކުރަން އުޅުނު ޕާކިސްތާނު މީހަކަށް މަރުގެ އަދަބު ދީފި

މައްކާއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ކުށް ސާބިތުވެ، ޕާކިސްތާނުގެ ރައްޔިތަކަށް މަރުގެ އަދަބު ދީފިއެވެ. މި ހުކުމް ތަންފީޒުކޮށްފައިވަނީ މައްކާ މުކައްރަމާ ރީޖަންގައެވެ.

ސައުދީ ވުޒާރަތުލް ދާޚިލިއްޔާ އިން ހާމަކޮށްފައިވާ ގޮތުގައި، މަރުގެ އަދަބު ދީފައިވަނީ ނަގާބް ޚާން ނަމަކަށް ކިޔާ ޕާކިސްތާނު ރައްޔިތަކަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ  މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށެވެ.

މި މައްސަލައިގެ ތަހުގީގުތަކުންނާއި އޭނާގެ އިއުތިރާފުން، އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތައް ސާބިތުވެފައިވާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. ޝަރުއީ މަރުހަލާތައް ފުރިހަމަކުރުމަށްފަހު، އޭނާ ކޯޓަށް ހާޒިރުކުރުމުން، ތަހުގީގީ ރިޕޯޓުތަކާއި އިއުތިރާފު ބަޔާނަށް ރިއާޔަތްކޮށް ކޯޓުން ވަނީ އޭނާ މެރުމަށް ހުކުމްކޮށްފައެވެ.

ސައުދީ އަރަބިއްޔާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާއި އެތެރެކުރާ މީހުންނާ މެދު ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ގައުމެކެވެ. މިފަދަ ކުށްތަކަށް އެ ގައުމުގައި އާންމުކޮށް އާންމުންނަށް ދެނީ މަރުގެ އަދަބެވެ.

ހިއްސާ ކުރައްވާ!