"ސައުންޑް އޮފް ހިންދު ރަޖަބް" މި މަހު އިންޑިއާގައި ރިލީޒްކުރުމަށް ހަމަޖެހިފައި އޮތްވައި، އިސްރާއީލު ދެކެ ބިރުން އިންޑިއާއިން އެ ފިލްމު އިންޑިއާގައި ދެއްކުން މަނާކޮށްފިއެވެ. އިންޑިއާގައި އާންމުން ދަނީ އީރާނާ ދެކޮޅަށް ދެމުންދާ ޓެރަރިސްޓް ހަމަލަތައް ކުށްވރިކޮށް މުޒާހަރާ ކުރަމުންނެވެ.
"ސައުންޑް އޮފް ހިންދު ރަޖަބް" އަކީ އޮސްކާ އެވޯޑަށް ނޮމިނޭޓްވެފައިވާ ފިލްމެކެވެ. އެފިލްމު ޑައިރެކްޓް ކުރީ ކައުސަރު ބިން ހަނިއްޔާ އެވެ.
އިންޑިއާގެ ފިލްމު ސެންސަރު ކުރާ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން އިން ހިންދު ރަޖަބު ފިލްމަށް ހުރަސްއަޅަމުންދާ ކަމަށް އިންޑިއާގެ ޑިސްޓްރިބިއުޓު ބުނެއެވެ.

މި ފިލްމަކީ ޣައްޒާގެ ޖެނޮސައިޑްގައި އިސްރާއީލުގެ ސިފައިން ދިން ހަމަލާ ދީ ކާރެއްގެ ތެރޭގައި ޝަހީދުކޮށްލި ފަލަސްތީނުގެ އާއިލާއެއްގެ ފަސް އަހަރުގެ އަންހެން ކުއްޖެއްގެ ހަގީގީ ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އެ ކުއްޖާއަކީ ކާރުގައި ތިބި މީހުން ޒަޚަމް ވުމުން އެހީއަށް އެދި އެމްބިއުލާންސަށް ގުޅި ކުއްޖާއެވެ. ޔަހޫދީން ވަނީ އެމްބިއުލާންސާއި އެހީ ދޭން އައި މީހުންނަށް ހުރަސް އަޅައިފައެވެ. އެމީހުން ހިންދު ރަޖަބުވެސް ކާރު ތެރޭގައި ޝަހީދުކޮށްލިއެވެ.
މުމްބާއީގައި ހުންނަ "ޖޭ ވިރާތުރާ އެންޓަޓައިންމަންޓް" ގެ ރައީސް މަނޯޖް ނަންދުވާނާ، "ވެރައިޓީ" މަޖައްލާއަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، ސެންސަރު ބޯޑުން އެ ފިލްމު ހިފަހައްޓަމުންދަނީ އެއީ ހައްސާސް މައްސަލައެއް ކަމަށް ބުނެއެވެ.
ނަންދުވާނާ ކިޔައިދިން ގޮތުގައި، ސެންސަރު ބޯޑުގެ ހުއްދަ ހޯދުމަށް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.
އަދި އޮސްކާ އެވޯޑް ހަފުލާގެ ކުރިން، މާޗް މަހުގެ 6 ވަނަ ދުވަހު ފިލްމު ރިލީޒްކުރުމަށް ރޭވި ނަމަވެސް، ފިލްމު ދެއްކުމުގެ ހުއްދަ މިހާތަނަށް އިންޑިއާ ސަރުކާރުން ދީފައެއް ނުވެއެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި، ބޯޑުގެ މެންބަރަކު އޭނާ ގާތު ބުނެފައިވަނީ މި ފިލްމު ދެއްކުމުން "އިންޑިއާ އާއި އިސްރާއީލުގެ ގުޅުމަށް އަސަރުކޮށްފާނެ" ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފާހަގަކޮށްލެވޭ ކަމަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ މަހުގެ ފަހުކޮޅު އިސްރާއީލަށް ކުރެއްވި ދަތުރުފުޅެވެ. މިއީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރި ފަހުން ވޭތުވެދިޔަ 25 އަހަރު ތެރޭގައި އިންޑިއާގެ ބޮޑުވަޒީރަކު ޔަހޫދީ ގައުމަށް ކުރެއްވި 2 ވަނަ ދަތުރުފުޅެވެ. އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އަމާޒުކޮށް ކުރެއްވި މި ދަތުރުފުޅުން ދޭހަވަނީ، ކުރިން ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކުރި އިންޑިއާގެ ޚާރިޖީ ސިޔާސަތަށް އައިސްފައިވާ ބަދަލެވެ.

ފިލްމު މަނާކުރާ ސަބަބުތަކަށް ރައްދު ދެމުން ނަންދުވާނާ ބުނީ، އިންޑިއާ އާއި އިސްރާއީލުގެ ގުޅުމަކީ "ވަރަށް ވަރުގަދަ ގުޅުމެއް" ކަމަށާއި، އެންމެ ފިލްމަކުން އެ ގުޅުމަށް ލޮޅުމެއް ނާރާނެ ކަމަށެވެ. އަދި އެމެރިކާ، އިނގިރޭސިވިލާތް، އިޓަލީ އަދި ފްރާންސް ފަދަ އިސްރާއީލާ ގާތް ގުޅުމެއް އޮންނަ ގައުމުތަކުގައިވެސް މި ފިލްމު ދައްކާފައިވާކަން އޭނާ ފާހަގަކުރިއެވެ.
ނަންދުވާނާ ބުނި ގޮތުގައި ސެންސަރު ބޯޑުން އަދިވެސް ދަނީ ފިލްމު މަނާކުރަމުންނެވެ. އަދި މިކަމާ ގުޅޭގޮތުން މީޑިއާއިން ސުވާލުކުރުމުން ބޯޑުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
މި ފިލްމު އެންމެ ފުރަތަމަ ދައްކާފައިވަނީ ސެޕްޓެމްބަރު މަހު ބޭއްވި ވެނިސް ފިލްމު ފެސްޓިވަލްގައެވެ. އެތަނުގައި ފިލްމު ބެލި މީހުން 20 މިނެޓަށްވުރެ ގިނަ އިރު ވަންދެން އަތްޖަހައި މަރުހަބާ ކިޔާފައިވާއިރު، މި ފިލްމަށް ވަނީ "ސިލްވަރ ލަޔަން" އެވޯޑް ލިބިފައެވެ. އެމެރިކާގެ ބައެއް ޑިސްޓްރިބިއުޓަރުން ފިލްމު ދެއްކުމަށް ފަސްޖެހުނު ނަމަވެސް، ފަހުން އެމެރިކާގައި ވަނީ ފިލްމު ރިލީޒްކޮށްފައެވެ.





