އިޒްރޭލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގެ ފައިދާ ރަޝިޔާގެ ތެލުގެ ވިޔަފާރިއަށް

އިޒްރޭލާއި އެމެރިކާއިން ގުޅިގެން އީރާނަށް ދޭން ފެށި ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން، ރަޝިޔާގެ ތެލުގެ ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބެމުންދާކަން ހާމަވެއްޖެއެވެ. ސެންޓަރ ފޯ ރިސާޗް އޮން އެނާޖީ އެންޑް ކްލީން އެއާ (ސީ.އާރު.އީ.އޭ) އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ރަޝިޔާއަށް ތެލުގެ ވިޔަފާރިން އިތުރު 777 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

މި ހަނގުރާމައާ ގުޅިގެން އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުން، ދުނިޔޭގެ ބާޒާރަށް ތެޔޮ ލިބުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. އާންމު ހާލަތްތަކުގައި ގަލްފުގެ ގައުމުތަކުން އުފައްދާ ތެލާއި ގޭހުގެ 20 އިންސައްތަ ދަތުރުކުރަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ. މި ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރަޝިޔާގެ ތެލާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް ދެއްވާފައެވެ. އަދި އެމެރިކާއިން ވަނީ ކުރިން ރަޝިޔާ ތެޔޮ ނުގަތުމަށް ގައުމުތަކަށް އަންގާފައި އޮތް އޮތުންވެސް ބަދަލުކޮށްފައެވެ. 

މި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ލޮޅުމާއެކު، ޗައިނާއަށް ދަތުރުކުރަން އޮތް ރަޝިޔާގެ ތެޔޮ ޓޭންކަރުތަކެއް މިހާރު އިންޑިއާއަށް މިސްރާބު ބަދަލުކޮށްފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މާޗް 10 ވަނަ ދުވަހު ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންއާ ފޯނުން ގުޅުއްވައި ވާހަކަދެއްކެވުމަށްފަހު ޓްރަމްޕް ވިދާޅުވީ، ތެލުގެ ދަތިކަން ހައްލުކުރުމަށްޓަކައި ބައެއް ގައުމުތަކަށް ރަޝިޔާގެ ތެޔޮ ގަތުމުގައި ހުރި ހުރަސްތައް ނައްތާލާ ކަމަށެވެ. މިއާއެކު ގިނަ ގައުމުތަކަކުން މިހާރު ދަނީ ރަޝިޔާގެ ތެޔޮ އުފުލުމަށް ޓޭންކަރުތައް ކުއްޔަށް ހިފަމުންނެވެ.

އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރާ ޓެރަރިސްޓް ހަނގުރާމައިގެ އެންމެ ބޮޑު މަންފާއެއް ކުރާ އެއް ގައުމަކަށް ރަޝިޔާ ވަނީ ވެފައެވެ. އީރާނުގެ ތެޔޮ ބާޒާރަށް ނެރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ރަޝިޔާގެ ތެލަށް އޮތް ޑިމާންޑް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ހިއްސާ ކުރައްވާ!