ރަޝިޔާގެ ފޮރިން މިސްޓަރުގެ ފަރާތްޕުޅުން ޚާއްސަ މެޑަލެއް އޮނަރަރީ ކޮންސުލް އަލީ ފައުޒީއަށް އަރުވައިފި

ދިވެހިރާއްޖެއާއި ރަޝިޔާ ފެޑެރޭޝަނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ރަޝިޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ސަރގޭ ލާވްރޯވްގެ ފަރާތްޕުޅުން އަރުވާ ޝަރަފުވެރި މެޑަލެއް ރާއްޖޭގައި ހުންނަވާ ރަޝިޔާގެ އޮނަރަރީ ކޮންސުލް އަލީ ފައުޒީއަށް އަރުވައިފިއެވެ.

ޖެނުއަރީ 22 ވަނަ ދުވަހުގެ ރޭ ބޭއްވި މި ރަސްމިއްޔާތުގައި، ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯވް ދެއްވާ "ފޯ ކޯޕަރޭޝަން" މެޑަލް އަލީ ފައުޒީއާ ހަވާލުކޮށްދެއްވީ ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެވަން އެސް. ޖަގާރިއަން އެވެ. މި މެޑަލް އަރުވާފައިވަނީ އޮނަރަރީ ކޮންސުލްގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އަލީ ފައުޒީ ދެއްވަމުންދާ އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

އަލީ ފައުޒީއަކީ މަޝްހޫރު ކުންފުނި ސްޓީލް ހާޑްވެއާގެ މެނޭޖިންގ ޑައިރެކްޓަރުގެ އިތުރުން، މޯލްޑިވްސް އިންޑަސްޓްރީ ޗޭމްބާސްގެ ވަގުތީ ރައީސްވެސް މެއެވެ. ޖުލައި 2023 ގައި އޮނަރަރީ ކޮންސުލްގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ޒިޔާރަތްކުރާ ރަޝިޔާގެ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައާއި، ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ އަދި ސަގާފީ ގުޅުންތައް ބަދަހިކުރުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ޖަގަަރިއަން ވިދާޅުވީ، "ޢަލީ ފައުޒީ ވަނީ އޭނާގެ ޚިދުމަތުގައި ނަމޫނާ ފަންނީ ގާބިލުކަމާއި އިޚްލާޞްތެރިކަން ދައްކަވާފައި. އޭނާގެ މަސައްކަތްތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަރުގަދަވެ، ރާއްޖޭގައި ތިބޭ ރަޝިޔާގެ ރައްޔިތުންނަށް އެންމެ ފުރިހަމަ އެހީތެރިކަން ލިބޭނެކަން ވަނީ ކަށަވަރުވެފައި،" ކަމަށެވެ.

މެޑަލްއާ ހަވާލުވެވަޑައިގަތުމަށްފަހު އަލީ ފައުޒީ ވިދާޅުވީ، މި އެވޯޑަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރިކަމާއި އިތުބާރު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި މި ޝަރަފަކީ އޭނާގެ ވިޔަފާރީގެ ތަޖުރިބާއާއި އާންމު ޚިދުމަތް ގުޅުވާލައިގެން ކުރެވުނު މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ރަޝިޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި އެންމެ ކުރީގައި އުޅޭ އެއް ގައުމަށް ވާއިރު، މިފަދަ ޝަރަފުވެރި އެވޯޑެއް ރާއްޖޭގައި ހުންނަވާ ރަޝިޔާގެ އޮނަރަރީ ކޮންސުލްއަކަށް އެރުވުމަކީ ދެ ގައުމުގެ ސިޔާސީ އަދި އިގްތިސާދީ ގުޅުން އާ ހަރުފަތަކަށް ގޮސްފައިވާކަން ހާމަކޮށްދޭ ކަމެކެވެ.

މިޚަބަރަކީ މޮނޮކޮރޯމް މީޑިއާއިން ސިންޑިކޭޓްކޮށްފައިވާ ޚަބަރެއް
ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް