ދުނިޔޭގެ ފެންވަރުގައި ކުޑަކުދިން މަރުވާ މިންވަރު އެންމެ ބޮޑަށް ދަށްވި ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނި، އެ ދާއިރާއިން ހޯދަމުން އަންނަ ކުރިއެރުމުގެ މައިގަނޑު ބާރަކަށް އިންޑިއާ ވެއްޖެ ކަމަށް އދގެ އިންޓަރ އޭޖެންސީ ގްރޫޕް ފޯ ޗައިލްޑް މޯޓަލިޓީ އެސްޓިމޭޝަން ގެ 2025 ވަނަ އަހަރުގެ ރިޕޯޓުން ބުނެފިއެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިންޑިއާގައި ފަސް އަހަރުން ދަށުގެ ކުދިން މަރުވާ މިންވަރު 1990 ވަނަ އަހަރު ކޮންމެ 1،000 އުފަންވުމަކުން 127 ގައި ހުރި ނަމަވެސް، 2024 ވަނަ އަހަރު އެ އަދަދު ވަނީ 26.6 އަށް ތިރިވެފައެވެ. މިއީ 79 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ތުއްތުކުދިން މަރުވާ މިންވަރު ކޮންމެ 1،000 އުފަންވުމަކުން 23.3 އަށް ދަށްވެފައިވާއިރު، އަލަށް އުފަންވާ ކުދިން (ނިއޯނޭޓަލް) މަރުވާ މިންވަރު ވަނީ 1990 ވަނަ އަހަރު ހުރި 57 އިން 2024 ވަނަ އަހަރު 17 އަށް، ނުވަތަ 70 އިންސައްތައަށް ދަށްވެފައެވެ.

ޔުނިސެފް އިންޑިއާއިން ބުނި ގޮތުގައި، އެ ގައުމުން ހޯދަމުންދާ ދެމެހެއްޓެނިވި ކުރިއެރުމަކީ މަރުކަޒީ ސަރުކާރާއި ސްޓޭޓްތައް ގުޅިގެން، ވަކި މިންގަނޑުތަކެއްގެ މައްޗަށް ބިނާކޮށް ހިންގާ އާންމު ސިއްހަތުގެ ނިޒާމުގެ ނަތީޖާއެވެ. އިންޑިއާއަށް މި ކުރިއެރުން ލިބުނީ ވެކްސިން ދިނުން ފުޅާކުރުމާއި، ހޮސްޕިޓަލްތަކުގައި ވިއްސާ މިންވަރު އިތުރުކުރުމާއި، އަލަށް އުފަންވާ ކުދިންނަށް ފަރުވާދޭ ޔުނިޓްތައް ވަރުގަދަކުރުމުގެ އިތުރުން ސަރުކާރުގެ ހާއްސަ މަޝްރޫއުތަކުގެ ސަބަބުން ކަމަށް އދ. އިން ގަބޫލުކުރެއެވެ.
ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު، 1990 ވަނަ އަހަރުން ފެށިގެން ފަސް އަހަރުން ދަށުގެ ކުދިން މަރުވާ މިންވަރު 76 އިންސައްތަ ދަށްވެފައިވީ ނަމަވެސް، މި ކުރިއެރުމުގައި އެންމެ ބޮޑު ހިއްސާއެއް ވަނީ އިންޑިއާގެ ކަމަށް ރިޕޯޓުގައިވެއެވެ. 2000 ވަނަ އަހަރުން ފެށިގެން މުޅި ދެކުނު އޭޝިއާގައި އަލަށް އުފަންވާ ކުދިން މަރުވާ މިންވަރު ގާތްގަނޑަކަށް 60 އިންސައްތަ ދަށްވެފައިވާއިރު، އެއް މަހާއި 59 މަހާ ދެމެދުގެ ކުދިން މަރުވާ މިންވަރު ވަނީ 75 އިންސައްތައަށްވުރެ ބޮޑަށް ދަށްވެފައެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، އިންޑިއާގެ ތަޖުރިބާއިން ދައްކައިދެނީ އާބާދީ ބޮޑު އަދި ތަފާތުތައް ގިނަ ގައުމެއްގައިވެސް، ހަމަހަމަކަމަށް އިސްކަންދީގެން ހިންގާ ބޮޑެތި މަޝްރޫއުތަކުން އަވަސް ނަތީޖާ ނެރެވިދާނެ ކަމެވެ. އަދި އިންޑިއާއަކީ ބަނޑަށް މަރުވާ ކުދިންގެ މައުލޫމާތު އެއްކޮށް، އެކަންކަން އިސްލާހުކުރުމަށް ގައުމީ ފެންވަރުގައި އަމާޒުތަކާއި އުސޫލުތައް ކަނޑައެޅި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
އދ. ގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުޑަކުދިން މަރުވާ ގިނަ ހާލަތްތަކަކީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅޭނެ ނުވަތަ ފަރުވާ ދެވޭނެ ކަންކަމެވެ. އަދި އިންޑިއާއިން އަލަށް އުފަންވާ ކުދިންގެ ފަރުވާއަށާއި، 'ޓެލެ އެސްއެންސީޔޫ' ފަދަ ދުރުން ދޭ ޑިޖިޓަލް ސިއްހީ ވަސީލަތްތަކަށާއި، ކުޑަކުދިންގެ ބަލިތައް މެނޭޖްކުރުމަށް ކުރަމުންދާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ކުދިން ސަލާމަތްވާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.





