އެމެރިކާގެ ޓެރަރިޒަމްގެ ސަބަބުން ބޭސްފަރުވާގެ އަގުތަކާއި އިލެކްޓްރޯނިކްސްގެ އަގު މައްޗަށް

އެމެރިކާއިން އީރާނުގެ ތެލުގެ މަރުކަޒުތަކަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އީރާނުން ދިން ދިފާއީ ހަމަލާގައި ޤަތަރުގެ ގޭސް އުފައްދާ މަރުކަޒަށް ދިން ހަމަލައިން ދުނިޔެއަށް ނޭދެވޭ އަސަރެއް ކޮށްފިއެވެ. މި ކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ހީލިއަމް ގޭސް ސަޕްލައިކުރާ މިންވަރުގެ 33 އިންސައްތަ ވަނީ މަދުވެފައެވެ. ގަތަރުން ކުއްލި ގޮތަކަށް ހީލިއަމް ގޭސް ސަޕްލައި ކުރުން މަދުވުމާ ގުޅިގެން، ބޭސްފަރުވާއާއި ޓެކްނޮލޮޖީގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. މި ބަދަލާއެކު ދުނިޔޭގެ އިގްތިސާދުގެ މުހިންމު ދާއިރާތަކަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ހީލިއަމް ގޭހަކީ ހަމައެކަނި ފުއްޕާހަން ފުރުމަށް ބޭނުންކުރާ އެއްޗެއް ނޫނެވެ. މިއީ މެޑިކަލް ދާއިރާގައި ބޭނުންކުރާ އެމްއާރްއައި ސްކޭނަރުތައް ފިނިކުރުމަށާއި، ކޮމްޕިއުޓަރު ޗިޕް އުފެއްދުމަށާއި، ރޮކެޓް ސިސްޓަމްތަކުގެ އިތުރުން ކުއަންޓަމް ކޮމްޕިއުޓިންގް ދިރާސާތަކަށް ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ. ހީލިއަމްގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން އެއްވެސް ވަސީލަތެއް މިވަގުތު ދުނިޔޭގައި ނެތެވެ.

މި ގޭސް ނުލިބުމުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިފައިވަނީ ދެކުނު ކޮރެއާއަށެވެ. އެ ގައުމުގެ ސަމްސަންގް އަދި އެސް.ކޭ ހައިނިކްސް ފަދަ ކުންފުނިތަކަށް ބޭނުންވާ ހީލިއަމްގެ 40 އިންސައްތަ މިހާރު ވަނީ ނުރައްކަލުގެ ތެރޭގައެވެ. މީގެ އިތުރުން ޓައިވާނުގެ ޗިޕް އުފައްދާ ޓީ.އެސް.އެމް.ސީ އަށް 35 އިންސައްތަ އަދި ޖަޕާނަށް ބޭނުންވާ 30 އިންސައްތަ ހީލިއަމް ލިބުން ދަތިވާނެ ކަމަށް ބެލެވެއެވެ. ޖަރުމަނުވިލާތުގައި މިހާރުވެސް ހީލިއަމްގެ އަގު ވަނީ ދެގުނައަށް އުފުލިފައެވެ.

މި ކަމާ ގުޅޭގޮތުން މާހިރުން ބުނަނީ، އީރާނާއެކު ކުރެވޭ ހަނގުރާމައިގެ ސަބަބުން ހަމައެކަނި ހަކަތައިގެ ދާއިރާއަށް އަސަރުކުރަނީ ނޫން ކަމަށެވެ. މިއީ ދުނިޔޭގެ އިގްތިސާދުގެ އަސާސީ ފަށަލަ ކަމަށްވާ "ހާޑްވެއާ ލޭޔަރަށް" ދެވޭ ހަމަލާއެކެވެ. މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އުފައްދާ އޭއައި ޗިޕްތަކާއި، ސެޓެލައިޓްތަކުގެ އަގު އިންތިހާއަށް އުފުލިގެންދާނެއެވެ.

ހީލިއަމް އުފެއްދުމުގެ ގާބިލްކަން އަލުން އިއާދަކުރުމަށް އަހަރުތަކެއް ނަގާނެ އެވެ. އަދި ބައެއް ވަސީލަތްތައް ދުވަހަކުވެސް އަނބުރާ ނުލިބުމުގެ ބިރު އެބައޮތެވެ.

ހިއްސާ ކުރައްވާ!