ފާރިސީ ކަނޑުއޮޅީގައި 3,000 އަށްވުރެ ގިނަ އާގުބޯޓު ތާށިވެ، ފެނަށް ޖެހި ކާރިސާއެއްގެ ބިރު ހީވެއްޖެ

އެމެރިކާއިން ފެށި ޓެރަރިސްޓް ހަމަލަތަކުގެ ސަބަބުން ފާރިސީ ކަނޑުއޮޅީގައި 3,200 އަށްވުރެ ގިނަ އާގުބޯޓު ތާށިވެފައިވެއެވެ. މި ބޯޓުފަހަރުގައި ތިބި ފަޅުވެރިން ބޯފެނަށް ޖެހި، ކާނާ މަދުވެ ހާލުގައި ޖެހެމުންދާއިރު، މިއީ ފަހުގެ ތާރީޚެއްގައި ކަނޑުމަތީގައި ކުރިމަތިވި އެންމެ ނުރައްކާތެރި އެއް ހާދިސާ ކަމަށް ބެލެވެއެވެ.

މައުލޫމާތު ލިބޭގޮތުގައި، ތާށިވެފައިވާ ބޯޓުފަހަރުގެ ތެރެއިން ބޯޓަކުން ވަނީ ބޯފެން ހޯދުމަށްޓަކައި އެ ސަރަހައްދުގެ ބަނދަރަކަށް ވަނުމުގެ ހުއްދައަށް އެދި އާދޭސްކޮށްފައެވެ. ނަމަވެސް، އެ ބަނދަރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ ބޯޓަށް ހުއްދަ ދިނުމަށް އިންކާރުކޮށްފައެވެ. މިކަން ގިނަ ބޯޓުފަހަރުތަކަކަށް މިހާރު ވަނީ ކުރިމަތިވެފައެވެ.

މި ބޯޓުފަހަރަކީ އަސްކަރީ އުޅަނދުތަކެއް ނޫނެވެ. މީގައި ހިމެނެނީ ތެލާއި، ގޮވާމާއި، އިލެކްޓްރޯނިކްސް ސާމާނު އުފުލާ އާންމު ވިޔަފާރި އާގުބޯޓުފަހަރެވެ. މި ބޯޓުފަހަރުގައި މަސައްކަތްކުރާ އާންމު ފަޅުވެރިންނަށް ބޭނުންވާ ޒަރޫރީ ތަކެތި ހުސްވަމުންދާއިރު، ބޭރަށް ނުކުމެވޭނެ އެއްވެސް މަގެއް މިހާރު ވަނީ ބަންދުވެފައެވެ.

މި ހާލަތުގެ ނުރައްކާތެރިކަން ވަޒަންކޮށްލާއިރު، 2021 ވަނަ އަހަރު ސުއޭޒް ކެނަލް ބަންދުވުމުގެ ސަބަބުން ތާށިވީ 400 އެއްހާ ބޯޓެވެ. ނަމަވެސް މިހާރު ފާރިސީ ކަނޑުއޮޅީގައި ތާށިވެފައިވާ ބޯޓުފަހަރުގެ އަދަދު އެއަށްވުރެ 8 ގުނަ އިތުރެވެ. މިއީ ހަމައެކަނި ވިޔަފާރީގެ މެދުކެނޑުމެއް ނޫން ކަމަށާއި، މިއީ ހިނގަމުންދާ ބޮޑު އިންސާނީ ކާރިސާއެއް ކަމަށް މުރާސިލުން ސިފަކުރެއެވެ.

"މި ބޯޓުފަހަރުތައް ދޫކޮށްލަން ޖެހިއްޖެނަމަ، އޭގެ ސަބަބުން ކުރިމަތިވާނެ ތިމާވެށީގެ ކާރިސާ ވަރަށް ބޮޑުވާނެ،" މަސްރަހު ދިރާސާކުރާ ފަރާތްތަކުން އިންޒާރުދެއެވެ. ބޯޓުފަހަރުގައި ހުރި އެތައް ހާސް ޓަނެއްގެ ތެލާއި، ކެމިކަލްތައް ކަނޑަށް އެޅިއްޖެނަމަ އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިގެންދާނެއެވެ.

މިހާރު ދުނިޔޭގެ ސަމާލުކަން މިސައިލް ހަމަލާތަކަށާއި ތެލުގެ އަގަށް ހުއްޓިފައިވީ ނަމަވެސް، ހަނގުރާމައިގެ މައިދާނެއްގެ މެދުގައި ހާލުގައި ޖެހި ބޯފެނަށް ޖެހިފައި ތިބި އެތައް ހާސް ފަޅުވެރިންގެ ވާހަކަ މީޑިއާއިން ފެންނަމުން ނުދާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!