2026 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕްގެ ފޯރި އިތުރުކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް މެޗުތަކުގެ ލައިވް އެކްޝަނާއި އެކްސްކްލޫސިވް ފޫޓޭޖްތައް ފޯރުކޮށްދިނުމަށް ޔޫޓިއުބް އާއި ފީފާ އިން "ޕްރިފާޑް ޕްލެޓްފޯމް" އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ނޫސްބަޔާނެއްގައި ޔޫޓިއުބުން ބުނެފައިވަނީ، މި ޕާޓްނަޝިޕްގެ ދަށުން ރަސްމީ ބްރޯޑްކާސްޓަރުންނަށް މެޗުތަކުގެ އެކްސްކްލޫސިވް ކޮންޓެންޓްތަކާއި، ބިހައިންޑް ދަ ސީންސް ކްލިޕްތަކުގެ އިތުރުން އެކްސްޓެންޑެޑް ހައިލައިޓްސްތައް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން، މީޑިއާ ޕާޓްނަރުންނަށް ކޮންމެ މެޗެއްގެ ފުރަތަމަ 10 މިނެޓް އެ ފަރާތްތަކުގެ ޔޫޓިއުބް ޗެނަލްތަކުން ލައިވްކޮށް ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން ޔޫޓިއުބް ކްރިއޭޓަރުންނަށް ވޯލްޑް ކަޕްގެ މެޗުތަކަށް ހާއްސަ އެކްސެސްއެއް ދިނުމަށް ވަނީ ރޭވިފައެވެ. ޔޫޓިއުބުން ބުނި ގޮތުގައި، ކްރިއޭޓަރުން ހަމައެކަނި މެޗުތަކަށް ރިއެކްޓް ކުރުމުގެ ބަދަލުގައި، އިންސާނީ ވާހަކަތަކާއި، ޓެކްޓިކަލް ބްރޭކްޑައުންތަކުގެ އިތުރުން މެޗުތަކުގެ ފަހަތުގައި ހިނގާ ކަންކަން އާ ގޮތަކަށް ބެލުންތެރިންނަށް ގެނެސްދޭނެއެވެ.
މީގެ އިތުރުން، ފީފާގެ ރަސްމީ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ފީފާގެ ޑިޖިޓަލް އާކައިވްގައި ހުރި ތާރީޚީ މެޗުތަކާއި ހަނދާންތައް ވެސް ބެލުންތެރިންނަށް ފެންނާނެ ކަމަށް އެ ބަޔާނުގައިވެއެވެ. ބައެއް މެޗުތައް މުޅިން ފުރިހަމައަށް ޔޫޓިއުބް މެދުވެރިކޮށް ސްޓްރީމް ކުރުމުގެ ފުރުސަތު ވެސް މީޑިއާ ޕާޓްނަރުންނަށް ލިބޭނެއެވެ.
ފީފާގެ ސެކްރެޓަރީ ޖެނެރަލް މަޓިއަސް ގްރާފްސްޓްރޯމް ވިދާޅުވީ، "މި އެއްބަސްވުމުގެ ސަބަބުން މީޑިއާ ޕާޓްނަރުންނާއި ކްރިއޭޓަރުންނަށް އާ ފުރުސަތުތަކެއް ހުޅުވި، ދުނިޔޭގެ ސަޕޯޓަރުން މީގެ ކުރިން ދުވަހަކުވެސް ތަޖުރިބާ ނުކުރާ ފަދަ ގޮތަކަށް މުބާރާތުގައި ބައިވެރިކުރެވޭނެ" ކަމަށެވެ.
ޔޫޓިއުބްގެ ސީއީއޯ ނީލް މޯހަން ވިދާޅުވީ، ރަސްމީ ބްރޯޑްކާސްޓަރުންނާ ގުޅިގެން އަދި ގްލޯބަލް ޔޫޓިއުބް ކްރިއޭޓާސް ޕްރޮގްރާމެއް ފަށައިގެން، ސަޕޯޓަރުންނަށް ޕްރީމިއަމް ކޮންޓެންޓާއި ލައިވް ހައިލައިޓްސް އާ ފެންވަރެއްގައި ލިބޭނެ ގޮތް ހަދާނެ ކަމަށެވެ. އަދި އާ ޖީލުގެ ކުޅިވަރު ސަޕޯޓަރުން މި ބޮޑު ހަރަކާތުގެ ތެރެއިން އެއްގަލަކަށް އެރުވުމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.





