އެއާ އިންޑިއާއިން ދިގު ދަތުރަކަށް ފުރުވާލެވުނީ ނުބައި ފްލައިޓެއް: އަނބުރައި ޖައްސަން 8 ގަޑިއިރު

ދިގު ދަތުރަކަށް ފުރުވާލެވުނީ ނުބައި ފްލައިޓެއް ކަން އެނގުމުން ކެނެޑާއަށް ފުރުވާލި އެއާއިންޑިއާގެ ފްލައިޓް ވައިގެ ތެރޭގައި 8 ގަޑިއިރު އުދުހުމަށްފަހު އަނބުރައި ޖައްސައިފިއެވެ. ކެނެޑާގެ ވޭންކޫވަރަށް އިއްޔެ ދަތުރުކުރި އެއަރ އިންޑިއާގެ ފްލައިޓަކީ އެ ގައުމަށް ޖައްސަން ޝަރުތު ހަމަނުވާ ފްލައިޓެއް ކަން އެނގުނީ އޭގެ ދަތުރުގައި 4 ގަޑިއިރު ހޭދަ ކުރި ފަހުންނެވެ. އެހެންވެ އެނބުރި އައުމަށް އިތުރު 4 ގަޑި ހޭދަވެ، ފަސިންޖަރުންނަށް 8 ގަޑިއިރުގެ ތަކުލީފަކާ ކުރިމަތިލާން ޖެހުނެވެ.

ފްލައިޓް AI185 ދިއްލީން ފުރީ ހެނދުނު 11:34 ގައެވެ. ފުރަތަމަ މި ބޯޓު ދަތުރުކުރީ އިރުމަތީ މަގުންނެވެ. ނަމަވެސް، ދަތުރުގެ ހަތަރު ގަޑިއިރު ފަހުން، ޗައިނާގެ ކުންމިންގް ކައިރިން އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަތްތަނާހެން، އެ ބޯޓަކީ ކެނެޑާއަށް ދަތުރުކުރުމުގެ ހުއްދަ އޮތް ބޯޓެއް ނޫންކަން އެއަރލައިނަށް އެނގުނެވެ.

މި ދަތުރަށް ބޭނުންކުރީ ބޯއިންގް 777-200LR މަރުކާގެ ބޯޓެކެވެ. ނަމަވެސް އެއަރ އިންޑިއާއަށް މިހާރު ކެނެޑާއަށް ދަތުރުކުރުމުގެ ހުއްދަ އޮތީ ހަމައެކަނި ބޯއިންގް 777-300ER މަރުކާގެ ބޯޓުފަހަރަށެވެ. ގައުމުތަކުން ދޭ އޭވިއޭޝަން ހުއްދަތަކަކީ ތަފާތު ގޮތްގޮތަށް ދޭ ހުއްދަތަކެކެވެ. ބައެއް ހުއްދަތަކަކީ މުޅި އެއަރލައިނަށް ދޭ ހުއްދަތަކަށް ވާއިރު، އަނެއްބައި ހުއްދަތަކަކީ ވަކި މަރުކާގެ ބޯޓުތަކަށް ނުވަތަ ވަކި ރަޖިސްޓްރީ ނަންބަރެއް އޮންނަ ބޯޓުތަކަށް ދޭ ހުއްދަތަކެކެވެ.

މިކަން ފާހަގަވުމާއެކު، ދަތުރުގެ މެދުތެރެއިން ބޯޓު އަނބުރާ ދިއްލީއަށް އައުމަށް އެންގުނެވެ.

އެއަރ އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނީ ބޯޓު އަނބުރާ ގެނައީ "އޮޕަރޭޝަނަލް މައްސަލައެއް" ދިމާވެގެން ކަމަށާއި، އެ ނިންމުމަކީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ނިންމި ނިންމުމެއް ކަމަށެވެ.

އެއަރލައިނުން އިތުރަށް ބުނިގޮތުގައި، ދިއްލީގައި ތިބި ގްރައުންޑް ޓީމުތަކުން ވަނީ ފަސިންޖަރުންނަށް ބޭނުންވާ އެހީތެރިކަމާއި ހޮޓާ ފަދަ އިންތިޒާމުތައް ހަމަޖައްސައިދީފައެވެ. އަދި ވީ އެންމެ އަވަހަކަށް ފަސިންޖަރުން މަންޒިލަށް ފޮނުވައިދިނުމަށް މަސައްކަތްކޮށްފައިވެއެވެ. މި ފްލައިޓް ވަނީ ހުރިހާ ފަސިންޖަރުންނާއެކު އަލުން ރަނގަޅު ބޯޓެއްގައި މިއަދު ހެނދުނު ފުރާފައެވެ.

މި ހާދިސާގެ ސަބަބުން އެއަރލައިންގެ ނަން ހުތުރުވެ ބޮޑު މާލީ ގެއްލުމެއް ވާނެ އެވެ. ބޯއިންގް 777 މަރުކާގެ ބޯޓުތަކަކީ ގަޑިއަކު އަށް ޓަނާއި ނުވަ ޓަނާ ދެމެދުގެ އަދަދަކަށް ތެޔޮ އަންދާ ބޯޓުތަކެވެ.

ހިއްސާ ކުރައްވާ!