އީރާނަށް ދިން ޓެރަރިސްޓް ހަމަލަތަކަށް ފަހު ޓްރަމްޕް ދެއްކި ދެކޮޅު ނުޖެހޭ ސޮލީބީ ވާހަކަތައް

ފެބްރުއަރީ 28: އީރާނުގެ ސަރުކާރު ވައްޓާލުމަށް ޓްރަމްޕް ގޮވައިލި

  • އެމެރިކާއާއި އިސްރާއީލުން ޓެރަރިސްޓް ހަމަލާތައް ފެށުމާއެކު، ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ޓްރަމްޕް ވިދާޅުވީ އީރާނުގެ ރައްޔިތުން އެގައުމުގެ ވެރިކަމާ "ހަވާލުވާން" ޖެހޭ ކަމަށެވެ.
    "އެއީ ތިޔަބައިމީހުން އަތުލަން އޮތް އެއްޗެއް،" އޭނާ އިތުރަށް ވިދާޅުވިއެވެ. "މިއީ ފަހަރުގައި އެތައް ޖީލަކަށް ލިބޭނެ ހަމައެކަނި ފުރުސަތު ކމަށް ވެދާނެ."
    ޓްރަމްޕް މި ހަމަލާތައް ސިފަކުރެއްވީ "ބޮޑު އަސްކަރީ އޮޕަރޭޝަންތަކެއްގެ" ގޮތުގައެވެ.

ފެބްރުއަރީ 28: އީރާނުގެ ސިފައިން ބަލި ކޮށްލައިފިން: ޓްރަމްޕް

  • ޓެހެރާނުން އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ އެއްޗެއް ކަމަށް ބުނަމުންދިޔަ ނަމަވެސް، އީރާނަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ވޮޝިންޓަނުން ނުދޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
    އެމެރިކާގައި ނިއުކްލިއާ ހަތިޔާރު ހުރި ނަމަވެސް، އީރާނުގެ އަތުގައި އެފަދަ ހަތިޔާރެއް ހުރެގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މެދުއިރުމަތީގައި ނިއުކްލިއާ ހަތިޔާރު ހުރި ހަމައެކަނި ގައުމަކީ އިސްރާއީލު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
    ތެހެރާނުގެ ބެލިސްޓިކް މިސައިލްގެ ނުރައްކާ ނައްތާލާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. "އަހަރެމެން އެމީހުންގެ މިސައިލްތައް ހަލާކުކޮށް، މިސައިލް އުފައްދާ ސިނާއަތް ބިމާ ހަމަކޮށްލާނަން،" އޭނާ ވިދާޅުވިއެވެ.
    "އަހަރެމެން އެމީހުންގެ ކަނޑުގެ ސިފައިން ފުނޑުފުނޑުކޮށްލާނަން." އަދި "މިހާރު ސިފައިން ބަލިކޮށްފިން" ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
  • އީރާނުގެ ދުރު ރާސްތާ މިސައިލްތަކަކީ "މިހާރު ޔޫރަޕްގައި ތިބި އަހަރެމެންގެ ގާތް ރަހުމަތްތެރިންނާއި ބައިވެރިންނަށާއި، ބޭރުގައި ތިބި އަހަރެމެންގެ ސިފައިންނަށް އޮތް ނުރައްކަލެއް ކަމަށާއި، އަދި ވަރަށް އަވަހަށް އެމެރިކާގެ ފަސްގަނޑާ ހަމައަށްވެސް އެ މިސައިލްތައް ފޯރާފާނެ" ކަމަށް ޓްރަމްޕް ޕްރޮޕެގެންޑާ ކުރައްވައެވެ.
  • ޓްރަމްޕްގެ މި ދޮގު ވާހަކަތަކުން ހަނދާންކޮށްދެނީ، ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް އިރާގު ހަނގުރާމައަށް މަގުފަހިކުރުމަށް ރައީސް ޖޯޖް ޑަބްލިއު ބުޝް ދެއްކެވި ވާހަކަތަކެވެ.
    ތަޖުރިބާކާރުންނާއި އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުންވެސް ޓްރަމްޕްގެ މި ދޮގުތަކަށް ތާއީދެއް ނުކުރެއެވެ. އެ އެފަރާތުންވެސް އަންދާޒާކުރާ ގޮތުގައި އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް އެމެރިކާގެ ފަސްގަނޑަށް ނުރައްކާވާ ހިސާބަށް ދިއުމަށް އަދި އެތައް އަހަރެއް ނަގާނެއެވެ.

މާރިޗު 2: ބަދަލުވަމުންދާ ތާވަލު

  • ކުރިން އިރާނު ބަލިކޮށްފައިވާ ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ރާގު ބަދަލު ކުރައްވާފައެވެ. މިހާރު ހަނގުރާމަ ހަތަރު ހަފުތާއާއި ފަސް ހަފުތާއާ ދެމެދުގެ މުއްދަތަކަށް ދެމިގެންދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އެއަށްވުރެ ގިނަ ދުވަސް ވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއެވެ.
  • "އަހަރެމެން މިހާރުވެސް މިތިބީ ލަފާކުރި ވަގުތަށްވުރެ މާ ކުރީގައި. އެކަމަކު ކިތަންމެ ވަގުތެއް ނެގިޔަސް މައްސަލައެއް ނެތް. ކޮންމެ ފަދަ ގުރުބާނީއެއް ވާންޖެހުނަސް ވަމާ ހިނގާ،" ވައިޓް ހައުސްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގައި ހަތިޔާރު "ހުސްނުވާ ވަރަށް" އެބަހުރި ކަމަށާއި، ހަމައެކަނި މި ތަކެތި ބޭނުންކޮށްގެން "އަބަދަށްޓަކައި" އަދި ވަރަށް ކާމިޔާބުކަމާއެކު ހަނގުރާމަ ކުރެވިދާނެ ކަމަށެވެ.
  • ކޮންގްރެސްއަށް ފޮނުއްވި ނޯޓެއްގައި ޓްރަމްޕް އެއްވެސް ތާވަލެއް ދެއްވާފައެއް ނުވެއެވެ. މީގެ ކުރިން ޑެއިލީ މެއިލްއަށް ދެއްވި އިންޓަވިއުއެއްގައި ހަނގުރާމައަށް ނަގާނީ "ހަތަރު ހަފުތާ ނުވަތަ އެއަށްވުރެ މަދު ދުވަސްކޮޅެއް" ކަމަށް ވިދާޅުވުމަށްފަހު، ނިއުޔޯކް ޓައިމްސްއަށް ވިދާޅުވީ ހަތަރު ހަފުތާއާއި ފަސް ހަފުތާއާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށެވެ. އަދި އޭގެ ފަހުން ވިދާޅުވީ އެއަށްވުރެ ގިނަ ދުވަސްވެސް ވެދާނެ ކަމަށެވެ!

މާރިޗު 2: އެމެރިކާއިން އީރާނަށް ހަމަލާދިނީ އިސްރާއީލުން ހަމަލަ ދިނުމުން ކަމަށް ރޫބިއޯ ވިދާޅުވުން

  • ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ނޫސްވެރިންނަށް ވިދާޅުވީ، އީރާނަށް ހަމަލާދިނުމަށް އިސްރާއީލުން ނިންމި ނިންމުމުގެ ސަބަބުން، އެމެރިކާއަށްވެސް އެ ހަމަލާ ގައި ބައިވެރިވުމަށް މަޖުބޫރުވީ ކަމަށެވެ.
  • "އިސްރާއީލުން ފިޔަވަޅެއް އަޅާނެކަން އަހަރެމެންނަށް އެނގޭ. އަދި އޭގެ ސަބަބުން އެމެރިކާގެ ސިފައިންނަށް ހަމަލާއެއް އަންނާނެކަންވެސް އެނގޭ.
    އެމީހުން އެ ހަމަލާތައް ދިނުމުގެ ކުރިން އަހަރެމެން އިސްވެ ހަމަލާ ނުދިންނަމަ، އަހަރެމެންގެ ފަރާތުން މަރުވާ މީހުންގެ އަދަދު މާ ގިނަވާނެކަން އަހަރެމެންނަށް އެނގޭ،" ރޫބިއޯ ވިދާޅުވިއެވެ.

މާރިޗު 3: ރޫބިއޯގެ ވާހަކައާ ޓްރަމްޕް ދެކޮޅު ހެއްދެވުން

  • ޓްރަމްޕް ވިދާޅުވީ އިސްރާއީލުން އީރާނަށް ދޭ ހަމަލާގައި ބައިވެރިވުމަށް އެމެރިކާގެ ސިފައިންނަށް އަމުރުކުރެއްވީ، އީރާނުން އިސްވެ ހަމަލާދޭން އުޅޭ ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.
  • "އަހަރެން ފަހަރެއްގައި އިސްރާއީލު ލައްވާ ހަނގުރާމަ ކުރުވީ ކަމަށް ވެދާނެ،" ޓްރަމްޕް ވިދާޅުވިއެވެ. "އަހަރެމެން އެކަން ނުކުރިނަމަ، ފުރަތަމަ ހަމަލާދޭނީ އީރާނުން،” ޓްރަމްޕް ވިދާޅުވިއެވެ.

މާރިޗު 4: ސަލާމަތީ އިންފްރާސްޓްރަކްޗަރ 'ހަލާކުކޮށްލުމަށް' ގޮވާލުން

  • ޕެންޓަގަންގެ ވެރިޔާ ޕީޓް ހެގްސެތު ވިދާޅުވީ އެމެރިކާގެ އަމާޒަކީ "އީރާނުގެ ހަމަލާދޭ މިސައިލްތައް ނައްތާލުމާއި، އީރާނުގެ މިސައިލް އުފައްދާ ތަންތަން ހަލާކުކޮށްލުމާއި، އެމީހުންގެ ކަނޑުގެ ސިފައިންނާއި ސަލާމަތީ އެހެނިހެން އިންފްރާސްޓްރަކްޗަރތައް ހަލާކުކޮށްލުން" ކަމަށެވެ.

މާރިޗު 6: 'ޝަރުތަކާ ނުލައި އަމާންދިނުމަށް' ގޮވާލުން

  • "ޝަރުތަކާ ނުލައި އަމާންދިނުން ފިޔަވައި އީރާނާއެކު އެއްވެސް އެއްބަސްވުމެއް ނޯންނާނެ،" ސޯޝަލް މީޑިއާގައި ޓްރަމްޕް ލިޔުއްވާފައިވެއެވެ.

މާރިޗު 8–11: މިއީ ހަމައެކަނި ފެށުން، އެކަމަކު 'ގާތްގަނޑަކަށް ނިމިއްޖެ'

  • މާރިޗު 8 ގައި ދެއްވި އިންޓަވިއުއެއްގައި ހެގްސެތު ސީބީއެސް ނިއުސްއަށް ބުނީ އީރާނަށް ދޭ ހަމަލާތަކަކީ "ހަމައެކަނި ފެށުމެއް" ކަމަށެވެ.
  • އޭގެ އެއް ދުވަސް ފަހުން، ޓްރަމްޕް އެ ނެޓްވޯކަށް ވިދާޅުވީ "އަހަރެން ހީކުރަނީ ހަނގުރާމަ ވަރަށް ބޮޑަށް ނިމިއްޖެ ކަމަށް، ގާތްގަނޑަކަށް ނިމިއްޖެ" ކަމަށެވެ.
  • ހަމަ އެ ދުވަހުގެ ފަހުގެ ވަގުތެއްގައި ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވީ "އަހަރެމެން މިހާރުވެސް ގިނަ ގޮތްގޮތުން ކާމިޔާބު ހޯދައިފިން، އެކަމަކު އަދި ފުދޭވަރަކަށް ކާމިޔާބެއް ނުވޭ،" އެވެ.
  • ހަނގުރާމަ ފެށެނީތޯ ނުވަތަ ނިމެނީތޯ އެހުމުން އޭނާ ވިދާޅުވީ: "އަހަރެން ހީކުރަނީ ދެގޮތަށްވެސް ބުނެވިދާނެހެން." ކަމަށެވެ.

މާރިޗު 11 ގައި ޓްރަމްޕް އަނެއްކާވެސް ވިދާޅުވީ އެމެރިކާ މޮޅުވެއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް: "އަހަރެމެން މި މަސައްކަތް ނިންމާލަންޖެހޭ."

މާރިޗު 13: އީރާންގެ އަހުލީ ހަނގުރާމައަކަށް ގޮވާލި ގޮވާލުން މަޑުޖައްސާލުން

  • މާރިޗު 13 ގައި ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ފޮކްސް ނިއުސްއަށް ވިދާޅުވީ ހަނގުރާމަ ނިމޭނީ "އަހަރެންގެ ހިތަށް އެކަން ކުރަން އިހުސާސްވުމުން" ކަމަށެވެ.
  • އީރާނުގެ ރައްޔިތުން އެގައުމުގެ ސަރުކާރު ވައްޓާލުމަށް ޓްރަމްޕް ކުރިން ގޮވާލި ގޮވާލުން އޭނާ މަޑުޖައްސާލިއެވެ. އަދި ވިދާޅުވީ "އެހެންވީމާ ހަތިޔާރު ނެތް ބަޔަކަށް އެއީ ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށް އަހަރެން ހަގީގަތުގައިވެސް ގަބޫލުކުރަން،" ޓްރަމްޕް ވިދާޅުވިއެވެ.

މާރިޗު 19: ހަނގުރާމަ ނިންމަން ވަކި މުއްދަތެއް ނެތް ކަމަށް ހެގްސެތު ބުނުން

  • ހެގްސެތު ބުނީ ވޮޝިންޓަނުން ހަނގުރާމަ ނިންމަން ވަކި މުއްދަތެއް ކަނޑަނާޅާ ކަމަށާއި، ހަނގުރާމަ ހުއްޓާލާނެ ވަގުތެއް ނިންމަވާނީ ޓްރަމްޕް ކަމަށެވެ.
    "އަހަރެމެން ބޭނުމެއް ނޫން ވަކި މުއްދަތެއް ކަނޑައަޅާކަށް،" ޕެންޓަގަންގެ ވެރިޔާ ވިދާޅުވިއެވެ. "އެއީ އެންމެ ފަހުން ރައީސް ނިންމަވާނެ ކަމެއް،."

މާރިޗު 20: ހަނގުރާމަ ނިންމާލުމަށް ޓްރަމްޕް ވިސްނަވަނީ، އެކަމަކު ހަމަލާ ބަދަލުކުރުން ހުއްޓައެއް ނުލާނެ

  • ޓްރަމްޕް 'ޓްރޫތު ސޯޝަލް' ގައި ލިޔުއްވާފައިވަނީ އީރާން ހަނގުރާމައިގައި "އަހަރެމެންގެ ބޮޑު އަސްކަރީ މަސައްކަތްތައް ނިންމާލުމަށް ވިސްނާއިރު، އަހަރެމެންގެ މަގްސަދުތައް ހާސިލުވުމާ ވަރަށް ގާތްވެއްޖެ" ކަމަށެވެ.
    އެ ދުވަހުގެ ކުރީކޮޅު، ހަނގުރާމައާ ބެހޭގޮތުން ސުވާލުކުރުމުން ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވީ "އަހަރެން ހަމަލާ ބަދަލުކުރުން ހުއްޓާލާކަށް ބޭނުމެއް ނޫން" ކަމަށެވެ.
ހިއްސާ ކުރައްވާ!