އެމެރިކާގައި ޑްރޯން އުދުއްސުން މަނާކޮށްފި

އެމެރިކާގެ ވައިގެ ސަރަހައްދުތަކުގައި ޤަވާއިދާ ޚިލާފަށް ޑްރޯން އުދުއްސާ ފަރާތްތަކާ މެދު އެއްވެސް ދޫދިނުމެއް ނެތް "ޒީރޯ ޓޮލަރަންސް" ސިޔާސަތެއް ތަންފީޒުކުރަން އެމެރިކާ ސަރުކާރުން ނިންމައިފިއެވެ. މި ނިންމުމާއެކު މަނާ ސަރަހައްދުތަކުގައި ޑްރޯން އުދުއްސާ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، މި ޤަވާއިދާ ޚިލާފުވާ ފަރާތްތައް އެއްލައްކަ ޑޮލަރާ ހަމައަށް ޖޫރިމަނާކުރުމުގެ އިތުރުން ޖަލަށްލުމުގެ އަދަބު ވެސް ލިބިގެންދާނެއެވެ. އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޤަވާއިދާ ޚިލާފަށް ޑްރޯން އުދުއްސާ ކޮންމެ މީހަކު އަތުލައިގަންނާނެ ކަމުގެ އިންޒާރު ދީފައެވެ.

މިފަދަ ފަރާތްތައް ހޯދުމަށްޓަކައި އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، އެމެރިކާއިން ހިންގަމުން ގެންޑާ ޓެރަރިޒަމްގެ އަމަލުތަކުގެ ސަބަބުން މަސްއޫލުވެރިންގެ ހިތުގައި ބިރު ވެރިކަން އުފެދިފައި ވުމުން އެމެރިކާގެ ހައްސާސް ސަރަހައްދުތަކާއި އާންމުން އެއްވެ އުޅޭ ތަންތަނުގެ ސަލާމަތީ ކަންކަން މިހާރު ވަނީ ކުރިއަށްވުރެ ވަރުގަދަކޮށްފައެވެ. އަދި ޝައްކުކުރެވޭ ފަދަ އެއްވެސް ޑްރޯންގެ ހަރަކާތެއް ފެނިއްޖެނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށް ވެސް އާންމުންގެ ކިބައިން ވަނީ އެދިފައެވެ.

މި ހަރުކަށި ފިޔަވަޅުތައް އަޅަން ނިންމާފައި މިވަނީ، މީގެ ދެ ދުވަސް ކުރިން އެމެރިކާގެ އަސްކަރީ މަރުކަޒެއްގެ މަތިން ގޮތްނޭނގޭ ޑްރޯންތަކެއް އުދުހުނުކަން ހާމަވުމާ ގުޅިގެންނެވެ. ރިޕޯޓްތައް ބުނާގޮތުގައި އެ ޑްރޯންތައް އުދުހުނު ވަގުތަކީ އެމެރިކާގެ ޚާރިޖީ ވަޒީރާއި ދިފާއީ ވަޒީރު ވެސް އެ މަރުކަޒުގައި މަޑުކުރައްވައިގެން ތިއްބެވި ވަގުތެކެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި، ޑްރޯން އޮޕަރޭޓަރުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ތައްޔާރުވެފައެވެ.

ހިއްސާ ކުރައްވާ!