ސައޫދީން މައްކާ ކައިރީގައި އޮންނަ އަސްކަރީ މަރުކަޒެއް އެމެރިކާ ސިފައިން ބޭނުންކުރަން ދެނީ

އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ދިފާއީ ހަމަލާތައް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައި، ސައޫދީ އަރަބިއްޔާގެ ހުޅަނގުގައި އޮންނަ ތާއިފް ސިޓީގެ ކިންގް ފަހުދު އެއާ ބޭސް، އެމެރިކާ ސިފައިންނަށް ބޭނުންކުރުމުގެ ހުއްދަ ދިނުމަށް ސައޫދީ ސަރުކާރުން އެއްބަސްވެއްޖެއެވެ. މިކަން ކަށަވަރުކޮށްދީފައިވަނީ މި މައުލޫމާތު އެނގޭ އެމެރިކާ އާއި ހުޅަނގުގެ އޮފިޝަލުންނާ ހަވާލާދީ މިޑްލް އީސްޓް އައި (އެމްއީއީ) އިންނެވެ.

ތާއިފްގައި ހުންނަ މި މަރުކަޒަކީ މައްކާއާ ކައިރީގައި އޮންނަ، އަސްކަރީ ގޮތުން މުހިންމު ތަނެކެވެ. މި ތަނުގެ މުހިންމުކަން ބޮޑުވަނީ އީރާނުގެ ޝާހިދު ޑްރޯންތަކުގެ ހަމަލާތައް ތަކުރާރުކޮށް އަމާޒުވަމުންދާ ޕްރިންސް ސުލްތާން އެއާ ބޭސްއަށްވުރެ، އީރާނާ ދުރުގައި މި މަރުކަޒު އޮތުމުންނެވެ. މީގެ އިތުރުން، އީރާނުން ހުރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދާފައިވާތީ، ލޮޖިސްޓިކްސްގެ ގޮތުން މުހިންމު ރެޑްސީގެ ބަނދަރެއް ކަމަށްވާ ޖިއްދާއާ މި މަރުކަޒު ކައިރިވުމަކީ ވެސް އީރާނަށް ހަމަލަ ދިނުމަށް އެމެރިކާއަށް ލިބޭނެ ބޮޑު ފަސޭހައެކެވެ.

އެމެރިކާގެ މިހާރުގެ އަދި ކުރީގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް ދިގުދެމިގެންދާ ހަނގުރާމައަކަށް ތައްޔާރުވަމުންދާނަމަ، ސައޫދީގެ ފަރާތުން ލިބޭ މި އެހީއަކީ ފާހަގަ ކުރެވޭ މުހިންމު އެހީއެކެވެ. އަދި އެމެރިކާގެ ސިފައިންނަށް ބޭނުންވާ ސާމާނާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ޖިއްދާ އން މުހިންމު ދައުރެއް އަދާކުރާ ކަމަށްވެސް ބުނެއެވެ. މިހާރުވެސް އިރުމަތީ އޭޝިއާގެ ސަރަހައްދުތަކުން އެމެރިކާގެ އެތައް ހާސް އެއްގަމު ސިފައިންނެއް ދަނީ މެދުއިރުމައްޗަށް ދަތުރުކުރަމުންނެވެ.

އީރާނުން ސައޫދީއަށާއި ބަހުރައިންއަށާއި ކުވެއިތު އަދި ޔޫއޭއީއާއި ޤަތަރަށް ދިފާއީ ހަމަލަތައް ދެމުން ދަނީ އީރާނަށް ދޭ ޓެރަރިސްޓް ހަމަލަތައް މި ގައުމުތަކުން އަންނާތީއެވެ.

ސައޫދީ އަރަބިއްޔާއިން އެމެރިކާއަށް މި ފުރުސަތު ފަހިކޮށްދިނުމަކީ، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި ސައޫދީ އާއި އަރަބި ގައުމުތަކުން ގެންގުޅޭ ސިޔާސަތަށް އައި ބަދަލެއް ކަމަށް ފާހަގަކުރެވެއެވެ. މި ނިންމުމާއެކު އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ސައޫދީގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ފުޅާ ހުއްދަތަކެއް ވެސް ވަނީ ލިބިފައެވެ.

ހިއްސާ ކުރައްވާ!