އަރަބި ގައުމުތަކުން އަންނަ އެމެރިކާގެ ޓެރަރިސްޓް ހަމަލަތައް އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ދީފިނަމަ، މެދުއިރުމަތީގައި ހުރި އެމެރިކާއާއި އިސްރާއީލާ ގުޅުންހުރި ހަކަތައިގެ ހުރިހާ ވަސީލަތްތަކަކަށް ހަމަލާދޭނެ ކަމުގެ ވަރުގަދަ އިންޒާރެއް އީރާނުގެ ސިފައިން ދީފިއެވެ.
އަރަބިން ފެން އުފެއްދާ ކުންފުނިތަކަށް އިންވެސްޓް ކޮށްފައި ވަނީ އިސްރާއީލާއި އެމެރިކާ ބައިވެރިވާ ބްލެކް ރޮކްފަދަ ކުންފުނިތަކުންނެވެ.
އީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާނު އިބްރާހީމް ޒުލްފަޤާރީ ވިދާޅުވީ، އީރާނުގެ ކަރަންޓު ނެޓްވޯކަށް ގެއްލުމެއް ދީފިނަމަ، ބަދަލުހިފުމުގެ ގޮތުން އެމެރިކާއާއި އިސްރާއީލާ ގުޅުންހުރި ކަނޑުފެން މީރުކުރާ ޕްލާންޓްތަކަށާއި ޑޭޓާ ސެންޓަރުތަކާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗަރތަކަށް ބެލުމެއް ނެތި ހަމަލާދޭނެ ކަމަށެވެ.
އީރާނުން މި އިންޒާރު ދީފައިވަނީ، 48 ގަޑިއިރުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި ހުޅުވާނުލައިފިނަމަ އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅޭގޮތުން އީރާނުގެ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކުރީގެ ވެރިޔާ އަލީ ލާރިޖާނީ މީގެ ކުރިން ވަނީ، އީރާނުގެ ކަރަންޓު ނެޓްވޯކަށް ހަމަލާއެއް އަތުވެއްޖެނަމަ، ބައިގަޑިއިރުގެ ތެރޭގައި މުޅި ސަރަޙައްދުން ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި އެކަން ތަންފީޒު ކުރުމަށް އީރާނުން ތައްޔާރަށް އޮތް ކަމަށް ވަނީ ބުނެފައެވެ.




