ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އިންޑިއާގެ މޮބައިލް ޕޭމަންޓް ސިސްޓަމް، ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) 2026 ވަނަ މާލީ އަހަރުގެ ތެރޭގައި ޖަޕާނަށް ތައާރަފުކުރުމަށް ނިންމައިފިއެވެ. މި މަޝްރޫއަކީ އަޖުމަބެލުމުގެ ކަމެއްގެ ގޮތުގައި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.
ޖަޕާނުގެ އައިޓީ ސާވިސަސްގެ ބޮޑު ކުންފުންޏެއް ކަމަށްވާ އެންޓީޓީ ޑޭޓާ އާއި އިންޑިއާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ މަގްސަދަކީ، ޖަޕާނަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންނަށް އެމީހުންގެ އިންޑިއާ ބޭންކް އެކައުންޓުތަކުން ސީދާ ކިއުއާރު ކޯޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
- 2016 ވަނަ އަހަރު ތައާރަފުކުރި ޔޫޕީއައި އަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު ރިއަލް-ޓައިމް ޕޭމަންޓް ނިޒާމެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރު ދުނިޔޭގައި ހިންގާފައިވާ ވަގުތުން ފައިސާ ދައްކާ މުއާމަލާތްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހިއްސާކުރަނީ ޔޫޕީއައި އިންނެވެ.
ޖަޕާނުގެ އިތުރުން ސިންގަޕޫރު، ފްރާންސް، ސްްރީލަންކާ އަދި ޔޫއޭއީ ހިމެނޭހެން އަށް ގައުމެއްގައި މިހާރުވެސް މި ނިޒާމު ބޭނުންކުރެއެވެ.
މި ނިންމުމުގެ މައިގަނޑު ސަބަބަކީ ޖަޕާނަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދިއުމެވެ. 2025 ވަނަ އަހަރު ޖަޕާނަށް 315,100 އިންޑިއާ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 35 އިންސައްތައިގެ ކުރިއެރުމެކެވެ.
އެންޓީޓީ ޑޭޓާ އިން ރާވާފައިވަނީ ޖަޕާނުގެ ވިޔަފާރިވެރިންގެ މެދުގައި ޔޫޕީއައި ބޭނުންކުރުން އިތުރުކުރުމަށެވެ. އެ ކުންފުނިން މިހާރުވެސް އިންޑިއާ އާއި ދެކުނު އިރުމަތީ އޭޝިއާގެ ގާތްގަނޑަކަށް 6 މިލިއަން ފިހާރައިގައި ބޭނުންކުރާ ޕޭމަންޓް އިންފްރާސްޓްރަކްޗާގެ އެހީގައި މި ހިދުމަތް ފުޅާކުރުމަށް ވަނީ އަމާޒުހިފާފައެވެ.






