އެމެރިކާގެ ފަހަތުން ހަނގުރާމައަށް ދިއުމާ ދެކޮޅަށް 11،000 މީހުން މުޒާހަރާކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތައްޕާހުން ޖަޕާނު ސަރުކާރުން ހަނގުރާމައަށް ދިއުމާ ދެކޮޅަށް އަޑުއުފުލުމަށްޓަކައި ޖަޕާނުގެ 11،000 އެއްހާ ރައްޔިތުން އެގައުމުގެ ގާނޫނު ހަދާ މަޖިލިސް (ޑައިޓް) ހިމެނޭ ސަރަހައްދަށް އެއްވެ މިއަދު  މުޒާހަރާއެއް ކޮށްފިއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ޑައިޓް ބިލްޑިންގް ވަށާލައި، ޖަޕާނުގެ މުސްތަގުބަލަކީ ވޮޝިންގޓަނެއް ނޫން ކަމަށާއި، ޓްރަމްޕްގެ ތައްޕާހުން ދިއުން ހުއްޓާލުމަށް ބޮޑު ވަޒީރަށް ގޮވާލާފައެވެ. މި މުޒާހަރާގެ ތެރެއިން ގިނަ ބަޔަކު ވަނީ ޖަޕާނުގެ ބޮޑުވަޒީރަކީ އެމެރިކާގެ ގޮނޑިކޮއްކޮއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޖަޕާނުގެ އާންމު ރައްޔިތުންގެ 82 އިންސައްތަ މީހުން އެމެރިކާއިން ފަށައިގެން އުޅޭ ޓެރަރިސްޓް ހަނގުރާމައާ ދެކޮޅެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ނިއުކްލިއާ ހަމަލާގެ ހިތްދަތިކަން ތަހައްމަލުކޮށްފައިވާ ޖަޕާނުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި، އެގައުމުގެ ގާނޫނުއަސާސީގައި އޮތް ސުލްހަވެރިކަމުގެ އުސޫލުތަކާ ޚިލާފަށް އެމެރިކާގެ ނުފޫޒުގައި ހަނގުރާމައެއްގެ ތެރެއަށް ވަނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ޖަޕާނުގެ އިތުރުން އެމެރިކާއާ ގުޅިފައިވާ އެހެން ގައުމުތަކުގައި ވެސް މި ހަނގުރާމައާ ދެކޮޅަށް ދަނީ އަޑުއުފުލަމުންނެވެ. އެގޮތުން ދެކުނު ކޮރެއާގައި ބޮޑެތި މުޒާހަރާތައް ކުރަމުންދާއިރު، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އޮސްޓްރޭލިއާގައި ވެސް ސަރުކާރުތަކަށް ވަނީ އާންމުންގެ ޕްރެޝަރު ބޮޑުވެފައެވެ. ތުރުކީގެ ރައީސް އުރުދުޣާން ވަނީ ޓްރަމްޕްގެ ޓެރަރިޒަމަކީ، މުޅި އިސްލާމީ ދުނިޔެއަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގު އުފުލި، މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމަކީ އާންމުންގެ ނުރުހުން އިތުރުވާ މައިގަނޑު ސަބަބުތަކެވެ.

މިއަދު ޓޯކިޔޯއިން ފެނިގެންދިޔަ މަންޒަރަކީ، އިއްތިހާދުގެ ގައުމުތަކުގެ ލީޑަރުންނަށް އެ ގައުމުތަކުގެ ރައްޔިތުންގެ ފަރާތުން ކުރިމަތިވާން ފަށާފައިވާ ބޮޑު ގޮންޖެހުމުގެ ފެށުމެއް ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!