އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ބަހުރައިންގެ އާންމުންގެ އެތައް ބަޔަކު ޒަޚަމް ކޮށްލި ގޮވުމަކީ އެމެރިކާއިން އޮޕަރޭޓްކުރާ ޕެޓްރިއަޓް އެއާ ޑިފެންސް ސިސްޓަމަކުން ފޮނުވާލި މިސައިލެއްގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފިއެވެ.
މާޗް މަހުގެ 9 ވަނަ ދުވަހު ހިނގި މި ހާދިސާގެ ޒިންމާ އެމެރިކާއާއި ބަހުރައިނުން ކުރިން އަޅުވާފައިވަނީ އީރާނު ސިފައިންގެ ބޮލުގައެވެ. އެ ހަމަލާގައި ކުޑަކުދިންނާއެކު 32 މީހަކަށް އަނިޔާވި ކަމަށް ބަހުރައިނުން ބުނެފައިވެއެވެ. އަދި އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބަހުރައިންގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ހަމަލާދިނީ އީރާނުގެ ޑްރޯނަކުން ކަމަށެވެ.

ނަމަވެސް، ރޮއިޓާސްއިން ހޯދި ހޯދުމެއްގައި ހޮނިހިރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، މާނާމާ ކައިރީގައި އޮންނަ ސިތުރާ ރަށުގެ މަހައްޒާ އަވަށުގައި ހިނގި ގޮވުމަކީ އެމެރިކާގެ ޕެޓްރިއަޓް މިސައިލެއް ގޮއްވައޮގެން ހިނގި ގޮވުމެއް ކަން ބަހުރައިނުން މިހާރު ވަނީ އެއްބަސްވެފައެވެ. މި ސަރަހައްދަކީ ތެޔޮ ސާފުކުރާ ކާރުޚާނާއެއް ވެސް ހުންނަ ސަރަހައްދެކެވެ.
މި ހާދިސާގައި އީރާނުގެ ޑްރޯނެއް ބައިވެރިވި ކަމަށް ބުނި ނަމަވެސް، އެމެރިކާއިންނާއި ބަހުރައިނުން ވެސް އެކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ދައްކާފައެއް ނުވެއެވެ. ބަހުރައިނަކީ އެމެރިކާގެ 5 ވަނަ ފްލީޓްގެ މަރުކަޒު ހުންނަ، ޔަހޫދީންނާއި އެމެރިކާގެ ގާތް ބައިވެރިއެކެވެ.
އެމެރިކާގެ ރޭތިއޯން ކުންފުނިން އުފައްދާ ޕެޓްރިއަޓް ސިސްޓަމަކީ އެމެރިކާ ސިފައިންނާއި ބަހުރައިން ސިފައިން ވައިގެމަގުން އަންނަ ހަމަލާތަކުން ދިފާއުވުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތެވެ.





