އިންޑިއާގެ އިޤްތިޞާދީ ކުރިއެރުމާއި އާބާދީގެ ފައިދާތަކަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ އާ ދިރާސާއަކުން ދައްކާގޮތުގައި، އެ ޤައުމު "މެދު ފަންތީގެ އާމްދަނީގެ ދަންތުރަ" އިން ސަލާމަތްވެ، 2047 ވަނަ އަހަރާ ހަމައަށް މަތީން އާމްދަނީ ލިބޭ ޤައުމަކަށް ވުމުގެ ފުރުޞަތު ބޮޑެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2003 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ޖީ.ޑީ.ޕީ އެވްރެޖްކޮށް އަހަރަކު 7 އިންސައްތައަށްވުރެ މަތިން ކުރިއަރަމުން އަންނައިރު، މި ދުވެލި ދަމަހައްޓައިފިނަމަ ކުރިއަށް އޮތް ދެ ދަހަރު ތެރޭގައި ވޯލްޑް ބޭންކުން ކަނޑައަޅާފައިވާ މަތީ އާމްދަނީ ލިބޭ ޤައުމުތަކުގެ ފަންތިއަށް އިންޑިއާ އުފުލިގެންދާނެއެވެ.

މި ދިރާސާގައި އިންޑިއާގެ އެންމެ ބޮޑު ބާރެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެ ޤައުމުގެ ޒުވާން އާބާދީއެވެ. އާބާދީގެ އެވަރެޖު މެދު އުމުރަކީ އެންމެ 28 އަހަރު ކަމަށްވާއިރު މިއީ އެމެރިކާގެ 38 އަހަރާއި ޗައިނާގެ 41 އަހަރާ އަޅާބަލާއިރު ވަރަށް ޒުވާން އުމުރެކެވެ، ކުރިއަށް އޮތް 20 އަހަރު ތެރޭގައި މިމީޙުންގެ ތެރޭން އެތައް މިލިއަން ބަޔަކު މަސައްކަތްތެރިންގެ ބާޒާރަށް ނުކުންނާނެއެވެ. މިގޮތަށް މަސައްކަތްތެރިން އިތުރުވުމުގެ ސަބަބުން ޤައުމުގެ އެތެރޭގެ ވިޔަފާރިތައް ކުރިއަރައި، ބޭރުގެ އެކްސްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަވެ، އާބާދީ މުސްކުޅިވަމުންދާ އިޤްތިޞާދުތަކަށްވުރެ ދިގު މުއްދަތުގެ ކުރިއެރުމެއް އިންޑިއާއަށް ލިބިގެންދާނެއެވެ.
އިންޑިއާގެ އުމްރާނީ ތަރައްޤީއާއި، ޑިޖިޓަލް ނިޒާމުތަކާއި، ޓެކްނޮލޮޖީއަށް އަހުލުވެރިވަމުންދާ ހަލުވި ދުވެލީގެ ސަބަބުން އެ ޤައުމުގެ ކުރިމަގު އިތުރަށް އުޖާލާވެއެވެ. އެ ޤައުމުގެ ޑިޖިޓަލް އައިޑެންޓިޓީއާއި ފައިސާ ދެއްކުމުގެ ނިޒާމުގެ ސަބަބުން އެތައް މިލިއަން ބަޔަކު ރަސްމީ އިޤްތިޞާދީ ދާއިރާގެ ތެރެއަށް ވަދެފައިވާއިރު، އިޞްލާޙީ ބަދަލުތަކާއި ސިޔާސަތުތައް އެއްގޮތެއްގައި ހިފެހެއްޓުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ވަނީ ދަމަހައްޓާފައެވެ. މި ދިރާސާގައި ބުނާގޮތުން، މި ސަބަބުތަކާއި، ވަރުގަދަ އާބާދީއާއި، ކުރިއަރަމުންދާ ޓެކްނޮލޮޖީގެ ސަބަބުން، ބްރެޒިލް، ދެކުނު އެފްރިކާ އަދި ތުރުކީ ފަދަ ޤައުމުތަކުގެ ކުރިއެރުން މަޑުޖެހުމަށް މެދުވެރިވި ހާލަތުން ސަލާމަތްވުމުގެ ފުރުޞަތު އިންޑިއާއަށް އެބައޮތެވެ.
މިހާރުގެ މި މިޞްރާބުގައި ކުރިއަށްދާނަމަ، އިންޑިއާއަކީ ހަމައެކަނި މަތީ އާމްދަނީ ލިބޭ ޤައުމަކަށް ވުމުގެ އިތުރުން، ކުރިއަށް އޮތް ދަހަރުތަކުގައި ދުނިޔޭގެ ބާޒާރުތައް ބައްޓަންކުރާނެ މުހިންމު އިޤްތިޞާދީ ބާރަކަށް ވާނެ ކަމަށް މި ރިޕޯޓުން ނިންމާފައިވެއެވެ. (ވޯޝިންޓަނމް އެގްޒެމިނަރ)




