އިޒްރޭލުން ހަދާ ދޮގާމެދު ނޭޓޯއިން ސުއާލު އުފައްދައިފި

އިޒްރޭލުން ދައްކަމުންދާ ވާހަކަތަކަށް ބާރުދޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ، ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓޭ އިޒްރޭލުގެ ދޮގުތަކާ މެދު ސުއާލު އުފައްދަވައިފިއެވެ. ރޫޓޭ ވިދާޅުވީ އީރާނުން އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައި.ސީ.ބީ.އެމް) ގެންގުޅޭ ކަމަށް ބުނެ އިޒްރޭލުން ހަދާ ދޮގުތަކަކީ ކަށަވަރު ނުކުރެވޭ ވާހަކަތަކެއް ކަމަށެވެ.

ސީ.ބީ.އެސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ރޫޓޭ ވިދާޅުވީ، ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް ފޮނުވާލި މިސައިލްތަކަކީ އީރާނުގެ އައި.ސީ.ބީ.އެމް މިސައިލްތަކެއް ކަމަށް އިޒްރޭލުން ބުނި ނަމަވެސް، ނޭޓޯއަށް އެކަން "ކަށަވަރު ނުކުރެވޭ" ކަމަށް ވިދާޅުވިއެވެ. މިއީ އިޒްރޭލުން އުފައްދާ ވާހަކަތަކުގެ ސައްހަކަމާމެދު ބައިނަލްއަގުވާމީ ފެންވަރުގައި ސުއާލު އުފެދިފައިވާ ދަނޑިވަޅެއްގައި ދެއްވި ބަޔާނެކެވެ.

އިޒްރޭލުގެ ދޮގުތަކާ މެދު ސުއާލު އުފެއްދެވި ނަމަވެސް، ރޫޓޭ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ކުރައްވަމުން ގެންދަވާ ހަނގުރާމައަށް ތާއީދުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ދުނިޔޭގެ ސަލާމަތަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށާއި، އެމެރިކާގެ ރައްޔިތުން ޓްރަމްޕާއެކު ތިއްބެވުމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް ފެނިއްޖެ ޚިޔާލު ހޯދުމުގެ ވޯޓުތައް، އެކަމަކު އަޅުގަނޑު ހަމަ ހަގީގަތުގައިވެސް އުންމީދު ކުރަނީ އެމެރިކާގެ ރައްޔިތުން އޭނާއާ (ޓްރަމްޕާ) އެކު ތިބޭނެ ކަމަށް. ސަބަބަކީ އޭނާ މިކަން މި ކުރައްވަނީ މުޅި ދުނިޔެއަކީ އަމާން ތަނަކަށް ހެއްދެވުމަށް،" ރޫޓޭ ވިދާޅުވިއެވެ!

މީގެ އިތުރުން، ނޭޓޯގެ މެންބަރު ގައުމުތައް ވޮޝިންޓަނާއެކު ސާބިތުވެ ތިބޭނެ ކަމުގެ އިޝާރާތެއް ދެއްވަމުން ރޫޓޭ ވިދާޅުވީ، ކަންކަން ވިލަރެސްކުރުމުގައި ލަސްތަކެއް އުޅުނު ނަމަވެސް މެންބަރު ގައުމުތަކުން ޓްރަމްޕަށް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ގައުމުތަކުން މިފަދަ ހާލަތަކަށް ތައްޔާރުވާން ވަގުތު ބޭނުންވާނެކަން ގަބޫލުކުރެއްވުމަށްވެސް އޭނާ އެދިވަޑައިގަތެވެ.

ހިއްސާ ކުރައްވާ!