އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ މެހެމާނުންގެ ގޮތުގައި އިންޑިއާއަށް ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ އަދި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ފޮން ޑަ ލޭޔަންއާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ނިއުދިއްލީގައި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު ޖައިޝަންކަރު ވިދާޅުވީ، އީޔޫގެ ވެރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބާއްވާ މަޝްވަރާތަކަކީ އިންޑިއާ އާއި އީޔޫގެ ގުޅުމުގެ "އާ ބާބެއްގެ ފެށުން" ކަމުގައި ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ދެ ފަރާތުގެ ދެމެދުގައި އޮތް ސްތްރެޓިޖިކް ގުޅުން އިތުރަށް ބަދަހިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އިންޑިއާއަށް ވަޑައިގެންނެވި އީޔޫގެ ލީޑަރުންނަށް ވަނީ ރަސްމީ މަރުހަބާއެއް ދަންނަވައި، ގާޑް އޮފް އޮނަރއެއް އަރުވާފައެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، އިންޑިއާ އާއި އީޔޫގެ ގުޅުމަކީ އިތުބާރާއި ޔަގީންކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ވިޔަފާރި، ސަލާމަތީ ކަންކަން، ޓެކްނޮލޮޖީ އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެންޓޯނިއޯ ކޮސްޓާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 16 ވަނަ އީޔޫ-އިންޑިއާ ސަމިޓަށް ނިއުދިއްލީގައި ހުންނެވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ. އަދި އިގްތިސާދީ ގޮތުންނާއި، ސަލާމަތީ ގޮތުން އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ވަރުގަދަ ކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ސަމިޓުގެ މޭޒްބާންކަން ކުރައްވާނީ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. މި ބައްދަލުވުމުގައި ދެ ފަރާތުގެ ދެމެދުގައި އޮތް ސްޓްރެޓިޖިކް ބައިވެރިވުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަޝްވަރާ ކުރެވޭނެއެވެ.







