ޕާކިސްތާނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ބެއިޖިންގްއިން ކުރަމުންދާ ހޭދައާއި ކުރިމަތިލާންޖެހޭ ނުރައްކާތަކާ މެދު ޗައިނާގެ ލީޑަޝިޕުން މިހާރު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިންޑިއާ ޓުޑޭގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) އަށް 60 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ އިންވެސްޓްކޮށް، އދ. ގައި ޕާކިސްތާނުގެ ދިފާއުގައި ވާހަކަދައްކައި، އަދި ޒަމާނީ ހަތިޔާރު ފޯރުކޮށްދީފައިވީ ނަމަވެސް، އެ ގައުމުން ލިބޭނެ ކަމަށް އުންމީދުކުރި ނަތީޖާއެއް ނުލިބެއެވެ. ޗައިނާގެ އިންވެސްޓްމަންޓްތަކާއި ސިޔާސީ އެހީތެރިކަމަށް އެކަށީގެންވާ ރައްކާތެރިކަމެއް ނުލިބުމާއި، މަޝްރޫއުތައް ހުއްޓުމާއި، އަދި ޕާކިސްތާނުގެ އެތެރޭގައި ޗައިނާއާ ދެކޮޅު ޝުއޫރުތައް އިތުރުވެ، ޗައިނާގެ މަސައްކަތްތެރިންނަށް އަމާޒުކޮށްދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ.
ޕާކިސްތާނުގެ ދާޚިލީ ސަލާމަތީ ކަންކަމާއި ޚާރިޖީ ސިޔާސަތަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ގުޅުމަށް ސުއާލުތަކެއް އުފެދިފައެވެ. ޗައިނާގެ ބޮޑު އެހީތެރިކަމެއް ލިބެމުންދާއިރުވެސް، އިސްލާމްއާބާދުން ދަނީ ވޮޝިންގްޓަނާ ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. މިކަމަކީ ބެއިޖިންގްއިން ވަރަށް ގާތުން ބަލަމުންދާ ކަމެކެވެ. މީގެ އިތުރުން، ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ މައި ތަނބެއްގެ ގޮތުގައި ބެލެވުނު ސީޕެކް މަޝްރޫއުތައް ލަސްވުމާއި، މާލީ މައްސަލަތަކާއި، ސަލާމަތީ ކަންކަން ގޯސްވުމުގެ ސަބަބުން ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕާކިސްތާނަށް ކުރާ މި އިސްތިރާތީޖީ އިންވެސްޓްމަންޓަކީ ފައިދާހުރި ކަމެއްގެ ބަދަލުގައި ބުރައަކަށް ވެދާނެތީ ޗައިނާގެ ވެރިން މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ. ސީޕެކްގެ ދެވަނަ ފިޔަވަހި ފެށުމަށް ދެ ގައުމުން ތައްޔާރުވަމުންދާއިރު، ބެއިޖިންގްގެ ރޫހު ކުރިއާ އަޅާބަލާއިރު މާ ބޮޑަށްވެސް ވަނީ ފިނިވެފައެވެ.
ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއި ޗައިނާގެ އެތެރޭގެ އިގްތިސާދީ ފިއްތުންތަކާ އެކު، ބޭރު ގައުމުތަކަށް ކުރާ ހޭދަތައް އަލުން މުރާޖައާ ކުރަން ޗައިނާއަށް ވަނީ މަޖުބޫރުވެފައެވެ. އިންޑިއާ ޓުޑޭގެ ދިރާސާގައި ބުނެފައިވަނީ، ދެ ގައުމުގެ ދެމެދުގައި އޮތީ "ހުރިހާ މޫސުމަކަށް ކެތްކުރާ އެކުވެރިކަމެއް" ކަމަށް ބުނި ނަމަވެސް، ދެކުނު އޭޝިއާގައި ޗައިނާގެ އެންމެ އިތުބާރު ހުރި ބައިވެރިޔާއަކީ އެންމެ ބޮޑަށް ލަފާކުރަން ދަތި ބައިވެރިޔާ ކަމަށް ބެއިޖިންގްއަށް މިހާރު ގަބޫލުކުރެވެން ފަށާފައިވާ ކަމަށެވެ. (އިންޑިއާ ޓުޑޭ)





