ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެމެރިކާގެ ރައްޔިތުން، ސަލާމަތީ ގޮތުން އިތުރަށް ސަމާލުވުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިންޒާރު ނެރެފިއެވެ. މި އިންޒާރު ނެރެފައިވަނީ އެމެރިކާގެ އެމްބަސީތަކުގެ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.
އެމެރިކާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި، ވަކިން ޚާއްސަކޮށް މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން އިތުރަށް ސަމާލުވާން ޖެހޭ ކަމަށެވެ. އަދި ބޭރު ގައުމުތަކުގައި ތިބޭ އެމެރިކާ ރައްޔިތުން، އެ ގައުމެއްގައި ހުންނަ އެމެރިކާގެ އެމްބަސީ ނުވަތަ ކޮންސިއުލޭޓުން ނެރޭ ސަލާމަތީ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި އިންޒާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދޭތެރެ ދޭތެރެއިން ވައިގެ ސަރަހައްދުތައް ބަންދުކުރުމުގެ ސަބަބުން ދަތުރުފަތުރަށް ބުރޫއަރައި، ދަތިތަކާ ކުރިމަތިވެދާނެއެވެ. މީގެ އިތުރުން، މެދުއިރުމަތީގެ ބޭރުންވެސް އެމެރިކާގެ ޑިޕްލޮމެޓިކް މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދޭކަން ޚާރިޖިއްޔާއިން ފާހަގަކޮށްފައިވެއެވެ.
ޚާރިޖިއްޔާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން ބޭރު ގައުމުތަކުގައި ހުރި އެމެރިކާގެ މަސްލަހަތު އޮތް ތަންތަނަށާއި، އެމެރިކާއާ ގުޅުންހުރި މަރުކަޒުތަކަށް ނުވަތަ އެމެރިކާ ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދިނުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން، މިފަދަ ނުރައްކާތަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުންވެސް ހުށިޔާރުވެ ތިބުމަށް ވަނީ އަންގާފައެވެ.




