އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ޓެރަރިސްޓް ހަމަލާދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން، މުޅި ސަރަހައްދުގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ފުރިހަމަ ހަނގުރާމައެއް ފަށާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. އީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާނު ވިދާޅުވީ، އީރާނުގެ ކަރަންޓު ނެޓްވޯކަށް އެއްވެސް ގެއްލުމެއް ލިބިއްޖެ ނަމަ، މުޅި ސަރަހައްދުން ކަރަންޓު ކަނޑާލާނެ ކަމަށެވެ.
އީރާނުގެ އޮޕަރޭޝަނަލް ކޮމާންޑްގެ ތަރުޖަމާނު އިބްރާހީމް ޒުލްފިޤާރީ މިއަދު ވަނީ އެމެރިކާއާއި އިޒްރޭލަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ އިސްލާމީ ޖުމްހޫރިއްޔާގެ ތެލާއި ހަކަތައިގެ ވަސީލަތްތަކަށް އަސްކަރީ ހަމަލާއެއް ދީފި ނަމަ އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށެވެ.
އީރާނުގެ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުލްފިޤާރީ ވިދާޅުވީ ދުޝްމަނުން އީރާނުގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދީފި ނަމަ، މި ސަރަހައްދުގައި ހުރި އެމެރިކާއާއި އިޒްރޭލުގެ ހަކަތައިގެ ވަސީލަތްތަކާއި، ޓެކްނޮލޮޖީ ނިޒާމުތަކުގެ އިތުރުން ފެން ސާފުކުރާ ޕްލާންޓްތަކަކީ ހަމަލާދިނުން ހުއްދަ އަމާޒުތަކެއް ކަމަށް ބަލައި އެތަންތަން ސުންނާފަތިކޮށްލާނެ ކަމަށެވެ.
އީރާނުގެ މި އިންޒާރަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރަށް ދިން ސީދާ ރައްދެކެވެ. ޓްރަމްޕް ވަނީ އީރާނުން ބަންދުކޮށްފައިވާ ހުރުމުޒު ކަނޑުއޮޅި ވަގުތުން ހުޅުވުމަށް ގޮވާލައްވާފައެވެ. ޓްރަމްޕްގެ "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި އެއްވެސް އިންޒާރަކާ ނުލައި އެ ކަނޑުއޮޅި ފުރިހަމައަށް ނުހުޅުވައިފި ނަމަ، އީރާނުގެ އެންމެ ބޮޑު ކަރަންޓު މަރުކަޒުން ފެށިގެން ހުރިހާ ތަނަކަށް ހަމަލާދީ ހަލާކުކޮށްލާނެ ކަމަށެވެ.
މި ހާލަތުގެ ނުރައްކާތެރިކަން ހާމަކުރައްވަމުން އީރާނުން ވަނީ އެ ގައުމުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޢަލީ ލާރިޖާނީ އަވަހާރަކޮށްލުމުގެ ކުރިން ދެއްވާފައިވާ އިންޒާރެއް ހަނދާންކޮށްދީފައެވެ. ލާރިޖާނީ ވިދާޅުވެފައިވަނީ "އީރާނުގެ ކަރަންޓަށް އެއްވެސް ގެއްލުމެއް ލިބިއްޖެ ނަމަ، ބައިގަޑިއިރު ތެރޭގައި މުޅި ސަރަހައްދު އޮންނާނީ ކަނު އަނދިރީގެ ތެރޭގައި" ކަމަށެވެ.





