އެމެރިކާއިން ކިއުބާ ހިފުމަށް އަސްކަރީ ހަމަލާއެއް ދީފާނެ ކަމުގެ ބިރު ބޮޑުވެފައިވާތީ، އެ ގައުމުގެ ސިފައިން ތައްޔާރީ ހާލަތަކަށް ގެނެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ކިއުބާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ. ކިއުބާއިން މިފަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރުތަކަކާ ގުޅިގެންނެވެ.
ޓްރަމްޕް ވިދާޅުވީ އޭނާ ބޭނުންނަމަ ބޭނުން ވަގުތެއްގައި ބޭނުން ގޮތަކަށް ކިއުބާ ހިފި ދާނެ ކަމަށެވެ!

އެންބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ކިއުބާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާލޯސް ފެނާންޑޭޒް ވިދާޅުވީ، ކިއުބާގެ ސިފައިންނަކީ އަބަދުވެސް ތައްޔާރީ ހާލަތުގައި އޮންނަ ބައެއް ކަމަށާއި، މި ދުވަސްވަރު ޚާއްސަ ސަމާލުކަމެއް ދީގެން އަސްކަރީ އުދުވާނަކަށް ތައްޔާރުވަމުންދާ ކަމަށެވެ.
ފެނާންޑޭޒް އިތުރަށް ވިދާޅުވީ، އެމެރިކާއާއެކު އަސްކަރީ ކުރިމަތިލުމެއް ހިނގައިދާނެ ކަމުގެ ފުރުސަތަށް ކިއުބާގެ ލީޑަރުން ފަރުވާކުޑަކުރުމަކީ "މޮޔަކަމެއް" ކަމަށެވެ. "އަޅުގަނޑުމެން ހަގީގަތުގައިވެސް އުންމީދު ކުރަނީ އެފަދަ ކަމެއް ނުވާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
މަސްރަހު ހޫނުވެފައިވަނީ ކިއުބާގެ މައްޗަށް އެމެރިކާއިން "ކޮންޓްރޯލް" ހޯދަން ބޭނުންވާ ކަމުގެ އިޝާރާތެއް ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމާ ގުޅިގެންނެވެ. ޓްރަމްޕް ދަނީ ދުނޔެ ފަސާދަކޮށް ދުނިޔޭގެ ހިމޭންކަން ނަގާލަމުންނެވެ. މި ހިނދު އދ ވަނީ އެއްކޮށް އައްސިކޮށްލާފައެވެ. ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ފެނާންޑޭޒް ވިދާޅުވީ އެމެރިކާ ރައީސް ދައްކަނީ ހޮޅި ވާހަކަތަކެއް ކަމަށެވެ.
ކިއުބާގެ ސިޔާދަތީ މިނިވަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ކިއުބާއަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި، އެހެން ގައުމެއްގެ ދަށުވެފައިވާ ނުވަތަ ނުފޫޒުގެ ދަށުގައި އޮންނަ ގައުމަކަށް ވުމަށް ކިއުބާއިން ދުވަހަކުވެސް ގަބޫލެއް ނުވާނެ ކަމަށެވެ.







