ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލަށް ބިނާކުރި ޝަހީދު ޢަލީ ސްކޫލް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ވަރަށް މުހިއްމު އިލްތިމާސެއް ކުރައްވާފައެވެ.
އެމަނިކުފާނު އެދިވަޑައިގަތީ ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދަށް ގަޑިއަށް ހޭލައި، ނަމާދުން ދުވަސް ފެށުމަށް ޢަޒުމް ކަނޑައެޅުމަށެވެ.
ނަމާދަށް ފަރުވާތެރިވުމާއި، މައިންބަފައިންނަށް ކިޔަމަންތެރިވުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޓީޗަރުންނާއި ސްކޫލްތަކުގެ ވެރިން އަންގާ މަގުން ކަންކަން ކުރުމަކީ ތުއްތު ކުދިންގެ މުސްތަޤްބަލަށް އެޅޭ ވަރުގަދަ ބިންގަލެއް ކަމަށެވެ.
"އެމަގުން ކަންކަން ކުރުމުން ތުއްތު ކުދިންގެ މުސްތަޤްބަލަށް އަޅައިދޭ ބިންގަލަކީ ގުޑުވާނުލެވޭ ވަރުގެ ވަރުގަދަ ބިންގަލެއް ކަމުގައި ވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ކިޔަވައި ނިމި ބޮޑެތިމީހުންގެ ގޮތުގައި މުޖުތަމަޢަށް ނުކުންނައިރު ބިންގާ ބަލިކަށިވެފައި އޮވެއްޖެނަމަ، ދިރިއުޅުމުގައި ގިނަ ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. ސްކޫލްތަކުގެ މައިގަނޑު ބޭނުމަކީ އެ ބިންގާ ވަރުގަދަކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދަރިވަރުންގެ ބިންގާ ވަރުގަދަކުރުމަށްޓަކައި އެކުދިން ނަފްސާނީ ގޮތުން ތައްޔާރުކޮށް މަގުދައްކައިދިނުމަކީ ޓީޗަރުންނާއި ބެލެނިވެރިންގެ ބޮޑު ޒިއްމާއެއްކަން ރައީސް ހަނދާންކޮށްދެއްވިއެވެ. އަދި މިކަމަށް ބޭނުންވާ އެހީތެރިކަމާއި މަގުފަހިކޮށްދިނުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

