އިންޑިއާ އާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، ދިފާއީ ދާއިރާއިން ވަރުގަދަ ސްޓްރެޓީޖިކް އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި އެއްބަސްވުމުގެ މައިގަނޑު އަސާސަކީ ދެ ގައުމުންވެސް ބޭނުންކުރާ ރަފައެލް ފައިޓާ ޖެޓްތަކާ ގުޅޭގޮތުން އޮތް އެއްބާރުލުން ބަދަހި ކުރުން ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ގުޅިގެން އަސްކަރީ ތަމްރީނުތައް ހިންގުމާއި، ޖާސޫސީ މައުލޫމާތު ބަދަލުކުރުމާއި، ދިފާއީ ޓެކްނޮލޮޖީގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ދެ ގައުމުގެ ސިފައިންގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބޮޑަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.
މި ޕާޓްނަޝިޕްގެ އެންމެ މުހިންމު އެއް ބަޔަކީ ރަފައެލް ފައިޓާ ޖެޓްތަކުގެ އިކޯސިސްޓަމެވެ. ޔޫއޭއީ އިން ރަފައެލް އެފް4 މަރުކާގެ ޖެޓްތައް ހޯދުމަށް ނިންމާފައިވާއިރު، އިންޑިއާއަކީ މިހާރުވެސް ރަފޭލް ޖެޓްތައް ބޭނުންކުރަމުންދާ ގައުމެކެވެ. މީގެ ސަބަބުން އިންޑިއާއިން ޔޫއޭއީއަށް ތަމްރީނުތަކާއި، މަރާމާތު ކުރުމުގެ މަސައްކަތްތަކާއި، އަދި ގުޅިގެން ހިންގާ އަސްކަރީ ހަރަކާތްތަކަށް ބޭއްވުމަށް ފުރުސަތުތަކެއް ލިބިގެންދާނެއެވެ.
ދިފާއީ ސިނާއަތުގެ އެއްބާރުލުން އިތުރަށް ފުޅާކުރުމުގެ ގޮތުން، އޭރޯސްޕޭސް، އެމްއާރުއޯ (މެއިންޓެނަންސް، ރިޕެއާ، އޯވަހޯލް) އަދި ކުރިއަރާފައިވާ ހަތިޔާރުގެ ނިޒާމުތައް އުފެއްދުމުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން މި އެއްބަސްވުމަކީ ނިއުދިއްލީ އާއި އަބޫދާބީއާ ދެމެދު އޮތް ސަލާމަތީ ކަންބޮޑުވުންތަކާއި، އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްލަހަތުތަކާ ގުޅިފައިވާ ކަމެކެވެ. މީގެ އިތުރުން، ހުޅަނގުގެ ގައުމުތަކަށް ބަރާސާވާ މިންވަރު ކުޑަކުރުމަކީވެސް މި އެއްބަސްވުމުގެ އެއް މަގްސަދެވެ.
މި މުހިންމު ދިފާއީ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް މަތީ ފެންވަރުގެ ބައްދަލުވުންތަކުގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ. ޕާކިސްތާނާއީ ސައޫދީން ދިފާއީ ގުޅުން ބަދަހި ކުރުމުން ކުއްލި ދަތުރުފުޅެއްގައި ޔޫއޭއީގެ ރައީސް ވަނީ އިންޑިއާއަށް ޒިޔާރަތް ކުރައްވާފައެވެ. ޔޫއޭއީން އަރަބި ގައުމުތަކުގައި ހިންގާ ބައިބައި ކޮށް ފިތުނަ އުފެއްދުމުގެ ސަިޔާސަތުން އަބޫދާބީ ދަނީ އެކަހެރި ވަމުންނެވެ.







