އެމެރިކާގެ ބޮޑެތި އެއާޕޯޓްތަކަކަށް ޔޫ.އެސް އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) ގެ އޮފިސަރުން ޓްރަމްޕްގެ އޯޑަރަށް ފޮނުވުމާ ގުޅިގެން، އެއާޕޯޓްތަކުގައި ހަމަނުޖެހުން ހިނގަން ފަށައިފިއެވެ. ޓްރަމްޕް މި ފިޔަވަޅު އަޅާފައިވަނީ ސެކިއުރިޓީ އަށް އެއާޕޯޓްތަކުގައި ތިބޭ މުވައްޒަފުންނަށް އެމެރިކާ ސަރުކާރުން މަސް ނިމޭއިރުވެސް މުސާރަ ނުދޭތީ އެމީހުން މަސައްކަތަށް ފަރުވާ ކުޑަ ކުރުމާ ގުޅިގެންނެވެ. ސެކިއުރިޓީ ސްޓާފުން ދަނީ ގިނަ ވަގުތު މީހުން ބަލައި ފާސްކުރުމަށް ވަގުތު ނަގައި ދިގު ދަންމައި ސަލާން ބުނަމުންނެވެ.
ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އައިސްގެ މުވައްޒަފުން ފޮނުވާފައިވަނީ އެއާޕޯޓްތަކުގެ "އާންމު އޮޕަރޭޝަންތަކުގައި" އެހީތެރިވުމަށެވެ. މިއީ ފާއިތުވި ހަފުތާތަކުގައި ޓްރާންސްޕޯޓޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޓީއެސްއޭ) ގެ މުވައްޒަފުން ވަޒީފާއަށް ސަލާން ބުނާ މިންވަރު އިތުރުވުމާ ގުޅިގެން އެޅި ފިޔަވަޅެކެވެ. އެމެރިކާ ސަރުކާރުން ދުވަހަށ ްމުސާރަ ނުދިނުމާ ގުޅޭގޮތުން އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން މުސާރަ ނުލިބި މަސައްކަތް ކުރަމުންދާ ޠީއެސްއޭގެ ގިނަ އޮފިސަރުންތަކެއް ބަލި ވުމާއި ސަލާމް ބުނަމުންދާތީ، ބައެއް އެއާޕޯޓްތަކުގެ ކިއޫތައް ދިގުވެ، ޗެކްޕޮއިންޓްތައް ވަގުތީގޮތުން ބަންދުކުރަން ވަނީ ޖެހިފައެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، އައިސްގެ އެޖެންޓުން ސެކިއުރިޓީ ކިއޫތަކުގައި އިމިގްރޭޝަން ގަވާއިދުތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުން ދަނީ ޓްރަމްޕްގެ އޯޑަރަށް ހަރުކަށި އުސޫލުތައް ބޭނުން ކޮށްގެންނެވެ. އަދި އެމީހުން ހަތިޔާރު އަޅައިގެން އެއާޕޯޓްތަކުގައި ހަރަކާތްތެރި ވުމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި އައިސްގެ އެޖެންޓުން ދަނީ ޚުދު އެމެރިކާގެ ޒަމާންވީ ރަށްވެހިންގެ ގާތުންވެސް އެމީހުންގެ ޕާސްޕޯޓޫ އޮންނަ އިރުވެސް އެމީހުންގެ ރަށްވެހިކަން ސާބިތުކޮށް ދިނުމަށް އިތުރު ލިޔުންތައް ހުށަހެޅުމަށް މަޖުބޫރު ކުރަމުންނެވެ. އަދި އެމީހުންނާ މައްސަލަ ޖައްސައި ޒުވާބު ކުރާ މީހުންނަށް އިހާނެތިކޮށް ހިތައި ބާރުގެ ބޭރުން ކުރަމުންނެވެ. މި ކަމާ ގުޅިގެން މީސްމީޑިއާގައި މީހުން ބުނަނީ ޓްރަމްޕްގެ މި ވެރިކަމުގައި އެމެރިކާ މިއީ ދާން ހެޔޮވާވަރު ތަނެއް ނޫން ކަމަށެވެ!
އިންސާނީ ހައްގަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި މިކަމުގެ ސަބަބުން ދަތުރުވެރިންނަށް ބިރު ދައްކައި އެއާޕޯޓް ސެކިއުރިޓީއާއި އިމިގްރޭޝަން ބެލެހެއްޓުމާ ދެމެދު އޮންނަ ފަރަގު އޮޅުންބޮޅުން ވެގެން ގޮސްފައި ވެއެވެ. ބައެއް ދަތުރުވެރިންވެސް ވަނީ އައިސްގެ އޮފިސަރުންގެ އިހާނެތިކޮށް ހިތުމާއި މެދު މައްސަލަ ޖައްސައި އާންމު ދަތުރުފަތުރުގެ ތެރެއިން އިމިގްރޭޝަން ޗެކްތަކާ ކުރިމަތިލާންޖެހޭތީ ބިރުގަންނަކަމަށް ބުނެފައެވެ.
ވައިޓް ހައުސްއިން ވަނީ ސުންޕާ ޓްރަމްޕްގެ ނުބައި ނިންމުން ދިފާއުކޮށްފައެވެ. އެތަނުން ބުނެފައިވަނީ މިއީ މުވައްޒަފުން މަދުވުމުގެ މައްސަލައަށް އޮތް ކޮންމެހެން ބޭނުންތެރި ހައްލެއް ކަމަށެވެ.
ނިއުޔޯކް، ޗިކާގޯ އަދި އެޓްލާންޓާ ފަދަ ސިޓީތަކުގެ އެއާޕޯޓް އޮތޯރިޓީތަކުން ބުނެފައިވަނީ އައިސްގެ އޮފިސަރުން ފޮނުވާކަން އެމީހުންނަށް އަންގާފައިވީ ނަމަވެސް، އެމީހުން މަސައްކަތް ކުރާނެ ގޮތުގެ ތަފްސީލީ އިރުޝާދެއް އެމެރިކާ ސަރުކާރުން ދީފައި ނުވާ ކަމަށެވެ. ޓްރަމްޕްގެ ވެރިކަމަކީ ޚުދު މުޚުތަރު ވެރިކަމެކެވެ.





